16 Apr 2015, 16:35
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ 79 ރަށެއްގެ ރައްޔިތުން ބޯފެނަށް ޖެހި، ފެން ފޯރުކޮށްދޭން އެދުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމު ވިދާޅުވީ ފެން ފޯރުކޮށްދޭން އެދުނު ރަށްތަކުގެ ތެރެއިން 49 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް 352،005 ރުފިޔާ ހަރަދުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެން ފޯރުކޮށް ދިނުމަށް މި އަހަރުގެ މިހާތަނަށް އެއަދަދުގެ ފައިސާ ހަރަދުވެފައިވާ އިރު މުޅި އަހަރު ދުވަހަށް އެކަމަށް ފަސް މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ސެންޓަރުން އަންދާޒާ ކުރެ އެވެ.
ފެންފޯރުކޮށްދޭން އެދުނުގެ 49 ރަށުގެ ތެރެއިން 39 ރަށަކީ މިދިޔަ އަހަރު ވެސް ފެނަށް ޖެހުނު ރަށްތަކެވެ. އަދި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތަކުރާރުކޮށް ފެން ފޯރުކޮށްދޭން ޖެހުނު 13 ރަށެއް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި އަހަރު ވެސް ފެނަށް ޖެހުނު ގިނަ ރަށްތަކަކީ މާލޭން އުތުރުގެ ރަށްތަކެވެ. އެގޮތުން ފެނަށް ޖެހުނު 49 ރަށުގެ ތެރެއިން 42 ރަށަކީ އުތުރުގެ ރަށްތަކެވެ.
ފެން ފޯރޮކޮށްދޭން އެދުނު 49 ރަށުގެ ތެރެއިން 11 ރަށަކަށް ފެން ފޯރުކޮށް ނުދެވި ވަނިކޮށް، ވާރޭ ވެހި، އެރަށްތަކަށް ފެން ލިބުމުން ފެން ފޯރުކޮށްދޭން އެދުނު އެދުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މިހާ ގިނަ ރަށްތަކެއްގެ ރައްޔިތުން ފެނަށް ޖެހޭތީ ފެން އިސްރާފު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ތަސްނީމް ވިދާޅުވި އެވެ.
"... ހުޅަނގު މޫސުމުގެ ވިއްސާރަ އައުމަށް އަދި ވަގުތުކޮޅެއް އޮތީމާ، އެއީ މޭމަހުގެ ކޮންމެވެސް ހިސާބެއްގައި އަދި ވާރޭ ކޮޅެއް އަންނަ ވަރު ވާނެ ކަމަށް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް އިން މި ލަފާ ކުރަނީ. އެހެންވީމާ ފެން އިސްރާފު ނުކޮށް ފެން ބޭނުން ކުރުމަށް ވަރަށް ބޮޑަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.