23 Feb 2011, 11:26
އަންނަ ޖޫން މަހު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ސެޕްބްލެޓާއާ ވާދަ ކުރަން އެމެރިކާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ގްރާންޓް ވޯލް ނިންމައިފި އެވެ.
އުމުރުން 37 އަހަރުގެ ގްރާންޓް މިހާރު ވަނީ އޭނާ ނޮމިނޭޓް ކުރާނެ ފެޑަރޭޝަނެއް ހޯދުމަށް މަސައްކަތް ފަށައިފަ އެވެ. އަދި އޭނާ އަކީ ކުރިއަށް އޮތް އިންތިހާބުގައި ބްލެޓާއާ ވާދަ ކުރާނެކަން އިއުލާނުކުރި ދެ ވަނަ ކެނޑިޑޭޓެވެ. އަނެއް ބޭފުޅަކީ އޭ.އެފް.ސީގެ ރައީސް ގަތަރުގެ މުހައްމަދު ބިން ހައްމާމެވެ.
ނަމަވެސް އެމެރިކާގެ ސްޕޯޓްސް އިލަސްޓްރޭޓަޑް މަޖައްލާގެ ނޫސްވެރިޔާ ދެކޭގޮތުގައި ގަތަރުގެ ސަރުކާރުގެ ފިއްތުންތަކާހުރެ ހައްމާމް ބްލެޓާއާ ވާދަ ކުރުމުގެ ހިޔާލު އެންމެ ފަހުވަގުތު ދޫކޮށްލައްވާނެ އެވެ.
ޖެހިޖެހިގެން ހަތަރު ވަނަ ދައުރަކަށް ފީފާގެ ޒައާމަތާ ހަވާލުވުމަށް އުމުރުފުޅުން 74 އަހަރުގެ ބްލެޓާ މަސައްކަތް ކުރައްވާއިރު 2018 އާއި 2022ގެ ވޯލްޑް ބިޑްގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން 1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބްލެޓާ އަށް ވަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.
އެމެރިކާގެ ސަޕޯޓާއެކު ކުރިމަތިލާންހުރި ގްރާންޓްގެ މެނިފެސްޓޯގައި ވަނީ ގޯލް ލައިން ޓެކްނޮލޮޖީ ތައާރަފް ކުރުމާއި ވޯލްޑް ކަޕަށް ރެފްރީން އައްޔަން ކުރުމަށް ގައުމުތަކަށް ލިބިފައިވާ ކޯޓާ ސިސްޓަމް އުވާލުމާއި ލަނޑު ޖެހުމަށް ފަހު ޖާޒީ ލައިގެން އުފާފާޅު ކުރާ ކުޅުންތެރިންނަށް ރީނދޫ ކާޑު ދެއްކުން ހުއްޓާލުމުގެ އިތުރަށް އޭނާގެ ހޮވިއްޖެނަމަ ޖެނެރަލް ސެކްރެޓަރީއަކަށް އަންހެނަކު އައްޔަންކުރުންފަދަ ކަންކަމެވެ.
"ފީފާ އަށް މިހާރު ބޭނުންވަނީ ވިކިލީކްސް ކަހަލަ ޑޮކިއުމެންޓްތަކެއް، އެއީ މިހާރު ވަމުންދާ ގޮތް ހާމަކުރުމަށް. އަހަރެންދާ ކޮންމެތަނަކުން ވެސް އިވެނީ ފީފާ އަށް މަލާމާތްކުރުރުމާއި ފީފާގެ އަގުވެއްޓިފައިވާތަން. އެއްޗެހިކިޔާތަން. މިކަން ބަދަލު ކުރަން ޖެހޭ،"ގްރާންޓް ބުންޏެވެ.
އޭނާ އަކީ އެމެރިކާގެ ލޮސްއެންޖަލިސް ގެލެކްސީ އަށް ޑޭވިޑް ބެކަމް ބަދަލުވުމުން ދުނިޔޭގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާ އަކީ ބެކަމް ކަމަށް ލިޔެ އެހާމެ ބޮޑު މަޝްހޫރުކަމެއް ހޯދި ނޫސްވެރިއެކެވެ. އަދި އޭނާ ވަނީ ޕޮލިޓިކްސްގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފަ އެވެ.
ގްރާންޓް ބުނީ އޭނާގެ އިސްނެގުމަކީ ސީރިއަސް ކަމެއް ކަމަށާއި ޖޯކެއް ނޫން ކަމަށެވެ. އަދި ސަޕޯޓް ހޯދުމަށް އެކިގައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ފައިސާވެސް އެބަހުރި ކަމަށެވެ.
ފީފާގެ ރައީސް ކަމަށް އޭޕްރީލް އެކެއްގެ ކުރިން ކުރިމަތިލާން ޖެހެ އެވެ. މީގެ ކުރިން ބްލެޓާއާ ވާދަ ކުރަން ނުކުތް މީހުން ފަހުން އެ މަގާމަށް ވާދަ ކުރުމުގެ ބަދަލުގައި ބުނަމުން އައީ ބްލެޓާ ހުއްޓައި ކުރިމަތިނުލާނެ ކަށެވެ. މިކަމުގެ ފަހަތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.