16 Apr 2015, 16:16
ތިން ދަރިންގެ ފުރާނަ ސަލާމަތް ކުރުމަށް ބައްޕައަކު އޭނާގެ ކިޑްނީ ވިއްކާލަން ނިންމައިފި އެވެ.
އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ރަމޭޝްބާއި ނަންޑުވަނާ 34، ގެ އެންމެބޮޑު ކަންބޮޑުވުމަކީ އާދަޔާ ހިލާފަށް ބޮޑަށް ފަލަވެފައިވާ ތިން ކުދިންގެ ބަރުދަން އިންތިހާއަށް ދިއުމުގެ ސަބަބުން އެކުދިން މަރުވެދާނެ ކަމުގެ ބިރެވެ.
އެގޮތުން އުމުރުން ފަސް އަހަރުގެ އަންހެން ދަރިފުޅު ޔޮގިތާ ރަމޭޝްބާއި ނަންޑުވަނާގެ ބަރުދަނުގައި 34 ކިލޯ ހުރިއިރު، ތިން އަހަރުގެ އަނިޝާގެ ބަރުދަނުގައި 48 ކިލޯ އެބަހުއްޓެވެ. އަދި 18 މަހުގެ ހާޝްގެ ބަރުދަނުގައި 15 ކިލޯ އެބަހުއްޓެވެ.

އާދަޔާ ހިލާފަށް ފަލަ ވުމުގެ މައްސަލަ ކުރިމަތިވެފައިވާ ތިން ކުދިން އާއިލާއާ އެކު: ފޮޓޯ- ޑެއިލީ މެއިލް

އާދަޔާ ހިލާފަށް ފަލަ ވުމުގެ މައްސަލަ ކުރިމަތިވެފައިވާ ދެ ކުދިން ބައްޕައާ އެކު: ފޮޓޯ- ޑެއިލީ މެއިލް
ރަމޭޝްބާއިގެ އަންހެނުން ބުނެފައިވަނީ އޭނާގެ ދުވަސް ފަށަނީ 30 ރޮށްޓާއި އެއް ކިލޯގެ ތަރުކާރީ ރިހަ ތައްޔާރު ކުރުމުން ކަމަށެވެ. އަދި އެކުދިން ބަނޑުހައިވިޔަ ނުދިނުމަށް ދުވާލަކު މަދުވެގެން ހަ ގަޑިއިރު ކާންދޭން ޖެހޭ އިރު އެކި ގަޑިތަކުގައި ދިނުމަށް ހަމަޖެހިފައިވަނީ ވަކި ހާއްސަ ކާ އެއްޗިއްސެވެ. އެގޮތުން ހެނދުނުގެ ނާސްތާ ހައެއް ޖަހާއިރު ފަށަނީ ފަސް ދޮންކެޔޮވަކާއި އެއް ލީޓަރު ކިރާއި ހަ ރޮށްޓާއި ތަރުކާރީ ރިހަ ތަށްޓަކުންނެވެ.
އޭނާ ބުނީ އަމިއްލަ ގައިގައި 40 ކިލޯ ހުރިއިރު، ފިރިމީހާ މަސައްކަތަށް ދާ ވަގުތު ތަކުގައި ތިން ކުދިންގެ ކަންތައްތައް ކުރުމަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
އާދަޔާ ހިލާފަށް ފަލަ ވުމުގެ މައްސަލަ ކުރިމަތިވެފައިވާ ތިން ކުދިން: ފޮޓޯ- ޑެއިލީ މެއިލް
މިއަދު އެ ދެމަފިރިންގެ އުއްމީދަކީ އެހެން ކުދިންނެކޭ އެއްގޮތަށް ތިން ކުދިން ސްކޫލަށް ގޮސް އެކުދިން އަމިއްލައަށް ހިނގާބިނގާވެ ކުޅެ ހަދާތަން ފެނުމެވެ.