ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ ދޮން ބައްޕަ މ. ދިއްގަރު ބަށިމާގޭ އިސްމާއިލް ރައުފް ހައްޔަރުކޮށްފި އެވެ.

އިބްތިހާލުގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް ޢަބްދުﷲ ސަތީޙް ވިދާޅުވީ، އިބްތިހާލަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ ދޮން ބައްޕަ އުމުރުން 36 އަހަރުގެ އިސްމާއިލް ރައުފު ހައްޔަރުކޮށްފައިވާއިރު، ކޯޓުން ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހު އިސްމާއީލް ރައޫފް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ސަތީހު ވިދާޅުވި އެވެ.

އާފިޔާގެ ދޮން ބައްޕަ ރައުފަކީ މީގެ ކުރިންވެސް ދޮންދަރިއަކަށް އަނިޔާ ކުރި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް ސަތީހު ވިދާޅުވި އެވެ.

"މި މައްސަލާގައި ހައްޔަރުކުރެވުނު، އިސްމާޢީލް ރައޫފް އަކީ މީގެކުރިންވެސް އިސްމާޢީލް ރައޫފްގެ ދޮންދަރިއަކަށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން ވ. ކެޔޮދޫ ކޯޓުން 04 މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށް އެޙުކުމް ތަންފީޒު ކޮށްފައިވާ މީހެއްކަން ފާހަގަކުރަން،" ސަތީހު ވިދާޅުވި އެވެ.

ސަތީހު ވިދާޅުވީ އޭނާ މީގެކުރިން އާފިޔާއަށް ވެސް ގޯނާކޮށްފައިވާކަން ތަހުގީގުން ހާމަވާ ކަމަށެވެ. އަދި އޭނާގެ އަމިއްލަ ދަރިއަކަށާއި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.