ޗެމްޕިއަންސް ލީގުގައި މިރޭ ފްރާންސްގެ މާސޭއާ ކުރިމަތިލާއިރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަންގެ ވިސްނުން ހުރީ ހަމައެކަނި މި މެޗަށް އެކަންޏެއް ނޫނެވެ.

އޭނާގެ ސިކުޑި އަށް ބާރު ބޮޑުވެފައިވަނީ މި މެޗަށް ފަހު އިނގިރޭސި ލީގުގައި ޗެލްސީ އާއި ލިވަޕޫލް އަދި ވިގަންއާ އެކު ކުޅެން ޖެހޭތީ އެވެ.

"އަހަރުމެންނަށް ކުރިއަށް މި އޮތީ ވަރަށް ވިސްނަންޖެހޭ ދުވަސްތަކެއް. އަދި ވަރަށް ވިސްނަންޖެހޭ މެޗުތަކެއް. މިއީ ވަރަށް ބޮޑު ޗެލެންޖެއް. އަދި މިއީ އަހަރުމެން އުފާ ވެސް ކުރަން ޖެހޭ ކަމެއް. ކުޅުންތެރިން ކަށިން ހިތަވްރު ނެރެންޖެހޭ ކަމެއް،" ހަތަރު ޕޮއިންޓާއެކު އިނގިރޭސި ލީގުގެ ތާވަލުގެ ކުރީގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

މާސޭއާއެކު ކުޅެން މެންޗެސްޓާ ފްރާންސަށް ދިޔައީ މުހިންމު ބައެއް ކުޅުންތެރިން ނުލަ އެވެ. އެއީ ރިއޯ ފާޑިނަންޑައި މައިކަލް އޮވެން އާއި ޖޮނީ އީވަންސް އާއި ރަޔަން ގިގްސް އަދި އެންޑްސަން އެވެ. މި ކުޅުންތެރިން ބާކީ ކުރީ އަނިޔާގެ ސަބަބުންވެ. ނަމަވެސް ކޯޗު ފާގަސަން ބުނީ ކޮންމެ ޓީމެއް ކުޅެން ނެރުނަސް ނަތީޖާ ނެރޭނެ ކަމަށް އޭނާ ޔަގީން ކުރާ ކަމަށެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ފާގަސަން ވަނީ އުމުރުން 36 އަހަރުގެ ޕޯލް ސްކޯލްސް އަންނަ އަހަރު ވެސް އެ ޓިމަށް ކުޅެން އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރާނެ ކަމަށް ބުނެފަ އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން މާސޭގެ ކޯޗު ޑިޑިއޭ ޑިޝެމްޕް ބުނީ އޭނާގެ ޓީމަކީ ތަށި ހޯދޭ ފެންވަރުގެ ޓީމެއް ކަމަށާއި މުހިންމު ބައެއް ކުޅުންތެރިން ނެތަސް މެންޗެސްޓާ އަކީ އަބަދުވެސް ންތީޖާ ނެރެވޭހާ ފެންވަރުގެ ކުޅުންތެރިން ތިބޭ ޓީމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ފްރާންސަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިޝެމްޕް ބުނީ ފާއިތުވެދިޔަ ހަމަ މެޗުހައި މެންޗެސްޓާ ކޮޅަށް އެންމެ ގޯލެއް ވަނުމުން އެއީ ކިހާ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި އެ މީހުން ތައްޔާރުވާނީ މިކަހަލަ ހަގީގަތްތަކަށް ވިސްނައިގެން ކަމަށެވެ.
މި މެޗު ފަށާނީ މާލޭ ގަޑިން 12:45ގަ އެވެ.