އިދިކޮޅު ފަރާތްތަކުން ވަކި ދުވަހެއް ކަނޑައަޅައި މަޝްވަރާ އަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަން "ނުޖެހޭ" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ޕީޕީއެމް އަށް ސޮއިކުރުމަށް މިއަދު މުލިއާގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، "އޮއްޓަރުލާ، އާރުލާ،" ގާނޫނުގެ ތެރެއިން ކުރެވޭ ކަމަކަށް ވަންޔާ އާންމުކޮށް އެކަމެއް ވިދާޅުވުމަށް ފަހު ބައްދަލުކުރައްވަން ވަޑައިގަތުމުން ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.

ނަމަވެސް ވަކި ދުވަހެއް ބުނެފައި ރައީސް މަޝްވަރާއަށް ގެންދެވޭނެ ކަމަށް ބުނުމުން "އެއީ ބަލައިގަނެވޭ ގޮތަށް އަންނަ ދައުވަތެއް ނޫން" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޮއްޓަރު ހުރި ކަމެއްވިއްޔާ އަޅުގަނޑު މޭޒަށް ގެންނަވާ، މިއަދު ވެސް ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދައްނަވާލަން ބޭނުންވަނީ ކޮންމެހެން ވަކި ދުވަހަކު އެބޭފުޅުންގެ މޭޒަކަށް ވާހަކަ ދައްކާކަށް އަޅުގަނޑު ގެންދާކަށް ނުޖެހޭ. އެބޭފުޅުންނަށް އެ ފުރުސަތު ކިތަންމެ ވަރަކަށް ދީފިން. ކިތަންމެ ވަރަކަށް ވެސް އެ ފުރުސަތު ދީފިން. އަދި ވެސް އެފުރުސަތު އެބަ އޮތް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރާ ނަމަ މަޝްވަރާ ކުރަންވާނީ މުޅި ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަންތައްތަކަށް ކަމަށާއި މިސަރުކާރުން ގާނޫނު އަސާސީ އާއި ހިލާފަށް ކަމެއް ކުރާ ނަމަ އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އަސާސެއް މަސްދަރެއް ނުހިމެނޭ ކަމެއް ހިފައިގެން ނުކުމެ މަގުމަތީ އުޅޭ ކަމަށްވަންޔާ "އެ ވަޔަކު" ނުހިފާނެ ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ކުރާ ނަމަ ސުޕްރީމް ކޯޓަށް ވަޑައިގެން އެކަމެއް ބާތިލު ކުރެވޭ އިރު އެކަން އިދިކޮޅު ފަރާތްތަކަށް ނުކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

އިސްލާމްދީނާ ހިލާފަށް ވެސް އަދި އަނިޔާވެރިކަމަށް ވެސް މިސަރުކާރުން ކުރި ކަމެއް އިދިކޮޅު ފަރާތްތަކަށް ވިދާޅުވާކަށް ނޭނގޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެބޭފުޅުން އެ ދައްކަވާ ގާނޫނު އަސާސީ އާ ހިލާފަށް ގާނޫނުތަކާއި ހިލާފަށް މިސަރުކާރުން ކުރި އެއްވެސް ކަމެއް އެބޭފުޅުންނަކަށް ރައްޔިތުންނަކަށް މޭރުންވާ ވަރަކަށް އެބޭފުޅުންނަށް އޮޅުންފިލުވައެއް ނުދެއްވުނު." ރައީސް ވިދާޅުވި އެވެ.

އަންނަ މަހު އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބާއްވާނެ ކަމަށާއި އެއަށް ފަހު މަޝްވަރާކުރަން ރައީސް އަށް މަޖުބޫރު ވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.