ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ޔަމަނަށް ކަނޑައަޅާފައި ހުންނެވި ސުލްހައާ ބެހޭ މަންދޫބު ޖަމާލް ބިން އުމަރު އެމަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޖަމާލް އިއްޔެ އިސްތިއުފާދެއްވީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހޫތީންނާއި އެގައުމުގެ ސަރުކާރާއި ދެމެދު ސުލްހަ ގާއިމް ކުރެއްވުމަށް ހަތަރު އަހަރު މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. އޭނާއާ މެދު ހިތް ހަމަ ނުޖެހޭ ކަން ޔަމަނުގެ ސަރުކާރާއި އަރަބި ބައެއް ގައުމުތަކުން ކުރިން ވަނީ ހާމަކޮށްފައެވެ.

ޔޫއެން އިން އިއްޔެގެ ފަހުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔޫއެންގެ އެހެން މަގާމަކަށް ވަޑައިގެންނެވުމަށް ޖަމާލް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެމަގާމަށް އެހެން ބޭފުކު ހަމަޖައްސާނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

ޔަމަނުގައި ސުލްހަ ގާއިމް ކުރުމަށް ކުރާ މަސައްކަތް ހުއްޓައި ނުލާނެ ކަމަށާއި އެހެން ނަމަވެސް ސައުދީ އިއްތިހާދުން ޔަމަނަށް ހަމަލާދޭން ފެށުމުން އެކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ވެސް ޔޫއެން އިން ވަނީ ބުނެފައެވެ. ( އޭޕީ)