16 Apr 2015, 13:12
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އަށް ކޮށްދެއްވޭނެ ކަމެއް ނެތް ކަމަށާއި އެ މައްސަލަ އިސްތިއުފާން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ޕީޕީއެމްއަށް ސޮއިކުރުމަށް މިއަދު މުލިއާގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދަށާއި ނާޒިމަށް ހުކުމެއް އައިސްގެން އެމަނިކުފާނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށާއި އެ މައްސަލަތައް އިސްތިއުނާފް ކުރުމަށް އެދިވަޑައއިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ރައީސް ނަޝީދަށް ވެސް އަދި އެ ޕާޓީގެ އިސްބޭފުޅުންނަށް ވެސް ހިތްވަރު ދޭން ބޭނުންވަނީ އެބޭފުޅުން އެ މައްސަލައާޢިގެން އިސްތިއުނާފަށް ވަޑައިގަންނަވާށޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. "ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލައިގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކޮށްދެވޭނެ ކަމެއް ނެތް، އިސްތިއުނާފު ކުރައްވާ."
ރައީސް ނަޝީދު ހުކުމް ތަންފީޒް ވަމުންދާ އިރު ޝަރުއީ ދާއިރާގެ އިސްތިއުފާނުގެ މައްސަލަތައް ނުނިމި "މާދަމާ ރައީސް ނަޝީދު ވީއްލާށޭ ބުނީމަ މިކަން ކުރަން އޮންނަ އުސޫލުން ބޭރުން އަޅުގަނޑެއް އެކަމެއް ނުކުރާނެ." ކަމަށާއި ނާޒިމްގެ މައްސަލައަކީ ވެސް ނުހިނގާ ކަމެއް ކަމަށް ހެދުމަށް ހުށައެޅުމުން ވެސް އެކަން ނުކުރެއްވީ އެހެންވެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މިސަރުކާރުން އަނިޔާވެރިވުމަކީ "ކުށަށް އަރައި ގަންނަ ބަޔަކަށް އަދަބުދިނުން ކަމަށްވާ ނަމަ މިސަރުކާރުން އެކަން ތަންފީޒު އެބަކުރޭ" ކަމަށާއި މިސަރުކާރުން ކޯޓުތަކުން ނިންމާނިންމުމަށް އިހުތިރާމްކޮށް ތަންފީޒު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިއަދު ބޭއްވި އެހަފްލާގައި ވަނީ ފެރިދޫގެ ޖުމްހޫރީ ޕާޓީގެ ތިން މެމްބަރުންނާ އެކު އެ ރަށު ހުރިހާ ކައުންސިލަރުން ޕީޕީއެމް އަށް ސޮއިކުރައްވައި ރައީސް އާއި ފޯމް ހަވާލުކުރައްވާފަ އެވެ.