16 Apr 2015, 13:43
އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ ފުލުހުންގެ އެންމެ އިސް މަސައްކަތް ކަމަށް ހެދުމަށް ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.
ފުލުހުންގެ 82 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތް މިވަނީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށާއި ފުލުހުންގެ އެންމެ އިސް ވާޖިބަކީ ގާނޫނު ތަންފީޒު ކުރުމުގެ ތެރެއިން ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.
"މިއަދު އަޅުގަނޑުގެ އިލްތިމާސްއަކީ މިހާރު ވެސް މަސައްކަތްތައް ކުރިއަށްދާ އުސޫލުން ފުލުހުންގެ މަސައްކަތުގެ، އޯގަނައިޒޭޝަންގެ އެންމެ އިސްކަމެއް ރާއްޖޭގައި އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ދިނުމަށް،" ނައިބު ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ 82 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތު: ފޮޓޯ-- ޕޮލިސް
މީގެ އިތުރުން ނައިބު ރައީސް ވަނީ ފުލުހުންގެ މުއައްސާސާ ތެރޭ އެކަށައަޅާފައިވާ އިންސާނީ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް އިންތިޒާމް ކޮށްގެން އިންސާނީ ފުރާނަ ސަލާމަތް ކުރުމަށް އިތުރު ހިތްވަރެއް ކުރަން ގޮވާލައްވާފަ އެވެ.
"ސަބަބަކީ މި ވިސްނުމުގައި މަސައްކަތްކޮށްފި ނަމަ މުޅި މުޖުތަމައަށް ފިނިކަން ލިބިގެންދާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މީހުން މެރުން އިތުރުވެ މިކަމުގެ ތެރޭ ބިދޭސީން މެރުން ވެސް ހިމެނިފައިވާ އިރު އެކަމާ ގުޅިގެން މުޅިމުޖުތަމައުއަށް ވަނީ މޮޅިވެރި ކަމެއް އައިސްފައި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މީހުން މަރާ އެކުށް ސާބިތުވާ މީހުންގެ މައްޗަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފާނެ ކަމަށް ވިދާޅުވެ ގަވާއިދެއް އެކުލަވާލާއި އެކަން ތަންފީޒު ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާތީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަށް ނައިބު ރައީސް ވަނީ ޝުކުރު ދަންނަވާފަ އެވެ.
ޑރ. ޖަމީލް ވިދާޅުވީ މީހަކު މަރުވުމަކީ މުޖުތަމައަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ކަމަށާއި މީހަކު މެރުމަކީ މުޅި މުޖުތަމައު މެރުން ފަދަ ކަމެއް ކަމަށެވެ. އަދި މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ މުޅި މުޖުތަމައު ދިރުވުން ފަދަ ކަމެއް ކަމަށް ވިދާޅުވެ، މީހުން މެރުމާ ގުޅޭ ގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސުން ސާބިތުވެފައިވާ ހަދީސްތަކާއި އާޔަތްތައް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ފުލުހުން މިއަދު ކުރަމުންދާ މަސައްކަތުގައި ސާބިތުވެ ތިބުމަށާއި މުޖުތަމައުއަށް ދިމާވެފައިވާ އެންމެ ބޮޑެތި ކުށްތަކަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރާ ބަޔަކަށްވެ، ރައްޔިތުންނާއި އެކީ މަސައްކަތް ކުރަން ގޮވާލައްވާފަ އެވެ.

ފުލުހުންގެ 82 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތު: ފޮޓޯ-- ޕޮލިސް
ޑރ. ޖަމީލް ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަންވެފައި އޮންނަނީ ވަރަށް މުހިންމު އަސާސްތަކެއްގެ މައްޗަށް ކަމަށާއި ރާއްޖޭގެ ރަށަކުން ޔުނީފޯމެއް ފެނުމަކީ ރައްޔިތުންގެ އުއްމީދެއް ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް ރަށްތަކަށް ފުޅާވެގެން ދިއުމަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"ސަބަބަކީ ފުލުހުން ތަމްސީލު ކުރަނީ ގާނޫނު. ފުލުހުން ތަމްސީލު ކޮށްދެނީ ދިރިދިރި އޮތް ރާއްޖޭގައި ގާނޫނު އަސާސީ. ފުލުހުން ތަމްސީލު ކޮށްދެނީ ރައްޔިތުން ބަލައިގެންފައިވާ ހަމަތަކާއި އުސޫލުތަކާއި ޑިމޮކްރަޓިކް ނިޒާމް،" ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ގާނުނު އަސާސީ އާއި ގާނޫނުތަކުގައި ބިންވަޅުނަގާފައވާ ހަމަތަކާއި އުސުލުތައް އަމަލީ ގޮތުން ދައްކުވައި ދިނުމުގެ އެންމެ ބޮޑު ޒިންމާ ކޮނޑުގެ އެޅިފައިވާ ބަޔަކީ ފުލުހުންނާއި ސިފައިން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ރަށްތަކުގައި ފުލުހުން ހަރަކާތްތެރިވާ އިރު، ރައްޔިތުންގެ އުއްމީދުތަކެއް ހުންނާނެ ކަމަށާއި ކިތަންމެ ޒުވާން ފުލުހުން ތިބި ނަމަވެސް ރައްޔިތުން އުއްމީދު ކުރާނީ ޔުނިފޯމުގައި ތިބޭ ވަގުތުތަކުގައި އާއި ނުތިބޭ ވަގުތު ވެސް އެ ފުލުހުން ނަގަހައްޓާނީ ގާނޫނު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.