16 Apr 2015, 13:07
ސަރުކާރު އަދި އިދިކޮޅު ޕާޓީތަކަށް ވެސް ކޮމަންވެލްތަށް އިތުބާރުކުރަން ދަތިކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ކޮމަންވެލްތުގެ ޓީމެއް ނަޝީދާ ދޫނިދޫގައި އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު މީޑިއާ އާ ހިއްސާ ކުރައްވަމުން ނަޝީދުގެ ލީގަލް ޓީމުގެ ވަކީލު ހަސަން ލަތީފު ވިދާޅުވީ ފެބުރުއަރީ ހަތެއްގައި ވެރިކަން ވެއްޓުމާ ގުޅޭ ގޮތުން ކޮމަންވެލްތުން ރާއްޖޭގައި ކުރި މަސައްކަތްތަކުން ނިކުތް ނަތީޖާއެއް ނެތުމުން، ކޮމަންވެލްތަށް އިތުބާރު ކުރުމަށް ވާދަވެރި ފަރާތްތަކަށް ވެސް އުނދަގޫވެފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ކަންކަމާ ވެސް ކޮމަންވެލްތުން ބެހެމުން އަންނާތީ ސަރުކާރަށް ވެސް ކޮމަންވެލްތަށް އިތުބާރު ކުރެވެން ނެތް ކަމަށް ނަޝީދު ފާހަގަ ކުރެއްވި ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ ނަޝީދުގެ ޝަރީއަތާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި އެއްވެސް ވާހަކަފުޅެއް ދައްކަވާފައި ނުވާ ކަމަށެވެ.
ނަޝީދުގެ ޝަރީއަތް ހިނގައި ދިޔަގޮތް ބަލައި އިތުރު ރިޕޯޓެއް ކޮމަންވެލްތުން ތައްޔާރު ކުރިޔަސް މާބޮޑު ފައިދާއެއް ނުވާނެ ކަމަށާއި ކޮމަންވެލްތުން ކަމެއްކޮށްދޭ ނަމަ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކޮށްދިނުމަށް ރައީސް ނަޝީދު އެ ވަފުދުގައި އެދިވަޑައިގެންފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
"ރައީސް ނަޝީދު އެބޭފުޅުން އަރިހުގައި ވިދާޅުވީ ކުރީގެ ރައީސުންނާއި ވެރިން ޖަލަށް ލުމަކުން ގައުމަށް ފައިދާއެއް ނުކުރާނެ ކަމަށް. އެ ރައްޔިތުންނަށް ވާނީ ގެއްލުން ކަމަށް. އެހެންވީމަ ދިވެހި ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކުރުމަށް ކޮމަންވެލްތުގައި ނަޝީދު ވަނީ އެދިވަޑައިގެންފައި،" ހަސަން ލަތީފު ވިދާޅުވި އެވެ.
ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނު އެކުލަވާލި ބައިނަލްއަގްވާމީ ވަކީލުންގެ ޓީމާ ބައްދަލު ކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ހަސަން ލަތީފް ވިދާޅުވީ ބޭރުގެ ވަކީލުންނާ ބައްދަލުކުރުމަށް ފުލުހުންނަށް ހުރަސް ނޭޅޭނެ ކަމަށާއި ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތަކީ ގާނޫނު އަސާސީ އިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ޖަލުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނީ އެޓާނީ ޖެނެރަލް އޮފީހުގައި ރެޖިސްޓްރީ ކުރެވިފައިވާ ވަކީލުންނަށް އެކަނި ކަމަށެވެ.
ފުލުހުންގެ ވާހަކަތަކާ ގުޅޭ ގޮތުން ހަސަން ލަތީފު ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ގަވާއިދަކީ ރާއްޖޭގެ ވަކީލުންނާ ބެހޭ ގަވާއިދު ކަމަށާއި ބޭރުގެ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދެއް ނޫން ކަމަށެވެ.
"އެޓާނީ ޖެނެރަލްގެ އޮފީހުގައި އޮންނަނީ ރާއްޖޭގައި ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު ކިޔާ ގަވާއިދެއް. ރާއްޖެ އިން ބޭރުގެ ވަކީލުން މަސައްކަތް ކުރައްވަނީ ރާއްޖެއަކު ނޫން. އެހެންވީމާ އެ ގަވާއިދުގެ ދަށުން ހޯދަން ޖެހޭ ހުއްދައެއް ނުވަތަ ރަޖިސްޓްރީ ކުރަން ޖެހޭ ރަޖިސްޓްރީ ކުރުމެއް އޮންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރަން،" ހަސަން ލަތީފު ވިދާޅުވި އެވެ.