16 Apr 2015, 12:48
ދަނޑުވެރި ކަމާއި ކުދި ވިޔަފާރިތައް ކުރުމަށް އާންމުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގެ އިދާރީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޔުނިވާސިޓީގެ ޗާންސެލަރު މުހައްމަދު ޒާހިރު ހުސައިން އެވެ. އަދި އައްޑޫ ސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗާންސެލަރު ޒާހިރު ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ، މީގެ ކުރިން ވެފައި ނުވާ ފަދަ އެއްބަސްވުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، "ސިޓީ ބުސްތާން" ނުވަތަ ދަނޑުވެރި ކަމުގެ މަޝްރޫއުގައި ސޮއި ކުރުމާއެކު ކުޑަ ކުއްޔަކަށް ދަނޑުތައް ދޫކޮށްގެން އާންމުންނަށް ދަނޑުވެރިކަމެއް ކުރެވޭނެ ކަމަށެވެ. ދަނޑުވެރިކަމުގެ އެ މަޝްރޫއަކީ އައްޑޫ ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ފޮނި މިރުސް ހެއްދުމުގެ މަޝްރޫއާ ގުޅޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޓީ ބުސްތާނުގެ މަޝްރޫއަކީ ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި އެތައް ޒަމާނެއް ވަންދެން ކުރިއަށް ގެންގޮސްފައިވާ ކާމިޔާބު "ހިޔާލެއް" ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
ވިޔަފާރި ކުރިއެރުވުމަށް ސޮއި ކުރެވުނު އެއްބަސްވުން ނުވަތަ "ސިޓީ ބާޒާރު" މަޝްރޫއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފެށުމަށް އާންމުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވީ އެއްބަސްވުމެކެވެ.
އެ މަޝްރޫއުގެ ދަށުން ބިން ދޫކުރުމާ ބެހޭގޮތުން އައްޑޫ ސިޑީގެ މޭޔަރު އަބްދުﷲ ޞާދިގު ވިދާޅުވީ، ސިޓީ ބުސްތާނުގެ މަޝްރޫއު ކުރިއަށް ގެންދާނީ އައްޑޫގައި އެމްއެންޔޫއަށް ދޫކޮށްފައިވާ ބިމުގައި ކަމަށެވެ.
ވިޔަފާރިތައް ހުޅުވުމަށް ބިން ދޫކުރަން ނަގާ ފައިސާއަކީ އައްޑޫގެ ތައުލީމަށް ހަރަދު ކުރުމަށް ނިންމާފައިވާ ފައިސާތަކެއް ކަމަށް ޞާދިގު ވިދާާޅުވިއެވެ. އެގޮތުން ބިންތަކުން ނަގާނީ ކުޑަ އަދަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ، މިއަދު ސޮއި ކުރެވުނު ޕްރޮޖެކްޓްތަކަކީ ސޯޝަލް ޕްރޮޖެކްޓްތަކެއް ކަމަށެވެ.