16 Apr 2015, 11:32
ކުރިން ޗެމްޕިއަންސް ލީގުގެ ގަދަ ބާރެއްގެ ގޮތުގައި ފެނިގެންދިޔަ ޕޯޗްގަލްގެ އެފްސީ ޕޯޓޯއިން ވަރުގަދަ ބަޔާން މިޔުނިކް 3-1 ގެ ނަތީޖާއަކުން ބަލިކޮށް ބަޔާން ސިއްސުވާލައިފިއެވެ.
ކުރިން ބާސެލޯނާއަށާއި އިންޓަމިލާނަށް ކުޅުނު ޕޯޓޯގެ ރިކާޑޯ ކްއެރެސްމާ ވަނީ މެޗްގެ ފުރަތަމަ 10 މިނެޓް ތެރޭގައި ބަޔާންގެ ކޮޅަށް ދެ ލަނޑު ޖަހައިދީފައެވެ.
ޕޯޓްގެ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ކްއެރެސްމާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.
މެޗް ފެށިގެން ތިން ވަނަ މިނެޓްގައި ލިބުނު މިޕެނަލްޓީއަކީ ބަޔާންގެ ގޯލްކީޕަރު މެނައުލް ނޯޔާ ޕޯޓޯގެ ސްޓައިކަރ ޖެކްސަން މާޓިނޭޒްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ޕޯޓޯގެ ޕެނަލްޓީ ރިކާޑޯ ކްއެރެސްމާ ފޮނުވާލަނީ ---- ފޮޓޯ/ އޭޕީ
މިލަނޑު ކާމިޔާބު ކުރިތާ ހަތް މިނެޓް ފަހުން މެޗްގެ 10 ވަނަ މިނެޓްގައި ކްއެރެސްމާ ވަނީ ޕޯޓޯގެ ދެ ވަނަ ލަނޑު ޖަހައިދީފައެވެ.
މިމެޗްގައި ޕޯޓޯގެ ތިން ވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާޓިނޭޒްއެވެ.
މިމެޗްގައި ބަޔާންގެ ހަމައެކަނި ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތިއާގޯ އެލްސެންޓަރާއެވެ.
މިމެޗުން މޮޅުވުމުން ޕޯޓޯ ވަނީ 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޕޯޓޯގެ މެނޭޖަރު ޖޫލިއަށް ލެޕްޓިގިއު ބުނީ މެޗްގައި ބަޔާން ހުއްޓުވުމަށްޓަކައި އެޓީމަށް ކުރެވޭނެ އެންމެ ބޮޑަކަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
ލެޕްޓިގިއު ބުނީ ކުއާޓާފައިނަލްގެ އެންމެ ބުރަ މަސައްކަތް ކުރިއަށް އޮތީ ކަމަށާއި މިމެޗުން މޮޅުވިޔަސް، އަންނަ ހަފުތާގައި މިޔުނިކްގެ ދަނޑުގައި ކުޅޭ މެޗް އުނދަގޫ ވާނެކަމަށެވެ.
ބަޔާންގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ އަދި ކުރިއަށް އެއް ލެގު އެބައޮތް ކަމަށާއި، މިމެޗްގައި ދިމާވި މައްސަލަތައް އެނަލައިސް ކުރުމަށް އިތުރު ހަ ދުވަސް އެބައޮތް ކަމަށެވެ.
"މިނަތީޖާގެ ސަބަބުން ދެ ވަނަ ލެގުގައި ވަރަށް އުނދަގޫވާނެ އަދި އަހަރެމެން ކުރަން ޖެހޭ މަސައްކަތްވެސް ބޮޑު ވާނާ،" ގާޑިއޯލާ ބުންޏެވެ.
މިދެޓީމް ބައްދަލު ކުރާ ކުއާޓާފައިނަލްގެ ދެ ވަނަ ލެގް މެޗް އޮންނާނާނީ މިމަހު 21 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:45 ގައި ބަޔާންގެ އެލެންޒް އެރީނާގައެވެ.