ޗެމްޕިއަންސް ލީގުގައި ލިއޯނާއެކު ކުޅުނު މެޗު 1-1 އިން އެއްވަރުވި ނަމަވެސް އަވޭ ގޯލެއް އޮތުމުން ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑީ އޭނާގެ ޓީމަށް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ފާއިތުވެދިޔަ ހަ އަހަރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓި ރެއާލް ހުސްވި އަހަރު ކެޓީ ލިއޯން އަތުން ބަލިވުމުންނެވެ. އެ ޓީމުގެ ކުރީގެ ފޯވަޑް ކަރީމް ބެންޒެމާގެ ގޯލުން ރޭ ރެއާލް މޮޅުވާން ދަނިކޮށް މެޗު އެއްވަރުވީ ބެފެޓިމްބީ ގޯމެޒް 83 ވަނަ މިނިޓްގައި ކާމިޔާބު ކުރި ގޯލުންނެވެ. މެޗުން މޮޅުވާން ކުރި މަސައްކަތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިޗަށް ފަހު މޮރީނިއޯ ބުނީ މެޗަކުން މޮޅުވާން ކުރިމަތިވާން ހުރިހާ އުނދަގޫތަކެއް ރޭގެ މެޗުގައި ކުރިމަތިވި ކަމަށާއި ރެފްރީންނަށް މެޗުގައި ހިނގާކަންތައްތައް ނުފެނުމަކީ އޭނާގެ ޓީމަށް ކުއާޓާ ފައިނަލުގެ ފުރުސްތު ގެއްލޭނެ ކަމަކަށްވާނެ ކަމަށ އުއްމީދު ނުކުރާ ކަމަށެވެ.

އޭނާ އަދި ބުނީ އަވޭ ގޯލަކާއެކު އަމިއްލަ ދަނޑުގައި ކުޅެން ޖެހުމުން ދެން ކަންތައްވާނެ ގޮތް ބަލަން ތިބެން ޖެހޭނީ ޝައުގުވެރިކަމާއެކު ކަމަށާއި އޭނާ ހުރީ ހިތްހަމަ ޖެހިފައި ކަމަށެވެ.

ޕޯޓޯ އާއި އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މޮރީނިއޯ މިހެން ބުނީ އޭނާގެ ޓީމެއް 2002 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ބަލިވެފައި ނެތުމުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިއޯނުގެ ކޯޗު ކްލައުޑް ޕުއެލް ބުނީ ރެއާލްގެ ދަނޑުގައި ދެ ވަނަ ލެގު ކުޅުމުގެ ކުރިން ތައްޔާރުވާން ލިބޭ ދުވަސްތަކުގައި ކަންތައްތައް ކުރަންވާ ގޮތް އެނގޭ ކަމަށާއި ނަތީޖާ އޮތީ އެ މީހުންނަށް ވެސް ފަހިކޮށް ކަމަށެވެ.