ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަންނަވަން އުޅުނިކޮށް ފުލުހަކު އެކަމަށް ހުރަސްއެޅި ކަމަށް ބުނެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސޯޝަލް މީޑިއާގައި ފުލުހެއްގެ ފޮޓޯ އާންމުކޮށްފައިވާއިރު، އެއީ ބިރުދެއްކުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާނޫނީ ޒިންމާ އަދާކުރަމުން ދިޔަ ފުލުސް މީހާގެ ފޮޓޯ ނެގުމަށް ފަހު އޭނާއަށް ބިރުދެއްކުމުގެ ނިޔަތުގައި ރައްޔިތުންނަށް ކަމުގެ އަސްލު އޮޅޭނެހެން ރަނގަޅުނޫން މައުލޫމާތު އޭނާގެ ފޮޓޯއާ އެކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ދަރުމަވަންތަ ސްކޫލުގައި ކުރިއަށްގެން ދިޔަ ފަޔާ އިވެކުއޭޝަން ޑްރިލްއަކާ ގުޅިގެން އެ ސްކޫލްގެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ ސަރަހައްދަށް ދުއްވާ އެއްޗެހި ނުވަދެވޭ ގޮތަށް ބަންދުކުރި ކަމަށެވެ.

އެ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް ޕްރައިވެޓް ކާރެއްގައި ދިޔަ ބިދޭސީއަކު އެ ސަރަހައްދަށް ވަންނަން އެދުމުން، އެ ސަރަހައްދުގައި ކުޑަކުދިން ހަރަކާތްތެރިވާ ޑްރިލް އެއް ކުރިއަށްދާތީ ނުވަދެވޭނެކަމަށް އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކާރުތެރޭގައި އިންނެވި މެމްބަރު ރޮޒައިނާ އެ ކާރުން ފައިބާ ވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކާރުގައި މަޖިލީހަށް ވަޑައިގަތުމަށް ފުރުސަތުދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

"ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފުލުހުން ކުރާ ކަންތައްތަކާމެދު ރައްޔިތުންގެ މެދުގައި ފުލުހުންގެ އިތުބާރު ގެއްލުވާލައި ފުލުހުންގެ ނަން ކިލަނބުކުރުމަށާއި ފުލުހުންނަށް ބިރު ދެއްކުމުގެ ނިޔަތުގައި ވަކި ވަކި ފުލުހުންގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އަދި އެހެންވެސް ގޮތްގޮތުން ފެތުރުމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމެއްކަމުގައި ދަންނަވަމެވެ،"