16 Apr 2015, 10:38
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ މައްސަލައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އެގައުމަށް ދެއްވައިފި އެވެ.
އެޔަގީންކަން ދުންޔާ ދެއްވީ އެކަމަނާގެ އަރިހަށް އަންގާރަ ދުވަހު ޒިޔާރަތް ކުރެއްވި ބަންގްލަދޭޝްގެ އާ ސަފީރު ރެއާ އެޑްމިރަލް ކާޒީ ސަރްވާރް ހުސައިންއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މީހުން ރާއްޖޭގެ ތަރައްގީއަށް ކޮށްދޭ މަސައްކަތް ރާއްޖެ އިން ބަލައިގަންނަ ކަމަށް ސަފީރު އަރިހު ދުންޔާ ވިދާޅުވި ކަމަށެވެ.
ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް އެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އެގޮތުން ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށާއި ނުގަވައިދުން ރާއްޖެއަށް އެތެރެވެފައިވާ ބަންގްލަދޭޝް މީހުންގެ ފަރާތުން ރާއްޖެއަށް ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް ދެގައުމުން ވަނީ ދާދި ފަހުން މަޝްވަރާކޮށްފަ އެވެ. އެގޮތުން ބަންގްލަދޭޝްގެ ހައިކޮމިޝަނުގެ ވަފުދަކާއި ރާއްޖޭގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ވަފުދަކުން ވަނީ އެކަމާއި މެދު ވަރަށް ތަފުސީލުކޮށް މަޝްވަރާކޮށްފަ އެވެ.