ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާއިން 3-1 ލަނޑުން ޕީއެސްޖީ ބަލިކޮށް ސެމީއަށް ދިއުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗްގައި ބާސާގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލަނޑު ޖެހުމުގައި މައްސަލަ ކުރިމަތިވެފައިވާ ބިރަޒިލްގެ ނޭމާ ޑަސިލްވާއެވެ.

މިމެޗްގައި ބާސާގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ މިހާރު ބާސާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިއިޝް ޝުއަރޭޒުއެވެ. އޭނާ ލަނޑުތައް ކާމިޔާބުކޮށްދިނީ 67 ވަނަ މިނެޓާއި 79 ވަނަ މިނެޓްގައެވެ.

ބާސާއަށް ލަނޑުތައް ޖަހައިދިން ދެ ކޫލުންތެރިން ކަމުގައިވާ ނޭމާއާއި ޝުއަރޭޒް ލަނޑު ޖެހުމަށް ފަހު އުފާ ކިރަނީ ... ފޮޓޯ/ އޭޕީ

އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޕީއެސްޖީއަށް 0 ކަނޑުވާލަ ދިނީ ބާސާގެ ފުރާސްގެ ޑިފެންޑަރު ޖެރިމީ މެތިއު އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

މީގެ އިތުރުން ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ޕީއެސްޖީގެ ޑެވިޑް ލުއިޒްއަށް ލިބުނު ނަމަވެސް އެފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިމެޗްގައި 51 ވަނަ މިނެޓްގައި ބާސާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން ދިޔަ އަންދުރޭ އިނިއެސްޓާ ވަނީ އިންޖަރީ ވެގެން ދަނޑުން ބާލާފައެވެ.

ރޭގެ މެޗްގައި އިންޖަރީ ވެގެން ދަނޑުން ބާލަން ޖެހުނު އިނިއެސްޓާ ދަނޑު މަތީގައި އޮށާ ވެގެން ... ފޮޓޯ/ އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނީ މިނަތީޖާގެ ސަބަބުން ކޭމްޕްނޯ ގައި ކުޅޭ މެޗް ފަސޭހަކޮށް ނުލާނެކަމަށެވެ.

"މިމެޗްގައި އަހަރެމެން މޮޅުވުމުން ކޭމްޕްނޯ ގައި ކުޅޭ މެޗް ފަސާހަކޮށް ނުލާނަން، އެމެޗަށް ތައްޔާރުވާނީ ޕީއެސްޖީއިން އަހަރެމެންގެ މައްޗަށް ކުރި ހޯދާނެކަން ވިސްނައިގެން. ޕީއެސްޖީއަކީ އެފެންވަރުގެ ޓީމެއް،" އެންރީކޭ ބުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗް ލޯރެންޓް ބްލެކް ބުނީ ބާސާގެ ކޮންމެ ޑިޕާޓްމަންޓެއް ޓެކްނިކަލީ އަދި ފިޒިކަލީވެސް ޕީއެސްޖީއަށްވުރެ ވަރުގަދަ ކަމަށާއި، "ބާސާ ހީވާނީ ޕްލޭސްޓޭޝަނަކުން ކުޅޭހެން" ކަމަށެވެ.

މިދެޓީމް ބައްދަލުކުރާ ކުއާޓާފައިނަލްގެ ދެވަނަ ލެގު މިމަހު 21 ވަނަ ދުވަހުގެ ރޭ އޮންނާނީ ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައެވެ. މިމެޗް ފަށާނީ ރާއްޖޭގަޑިން ރޭނގަނޑު 11:45 ގައެވެ.