16 Apr 2015, 10:03
އދ. މަޖިލިސް (އެޕްރީލް 16): މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖްރަކުރާ މީހުން ކަނޑަށް ޣަރަގުވެ އެތަށް ބަޔަކު މަރުވަމުންދާއިރު އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ނުކުރާ މައްސަލައިގައި އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ޔޫރަޕްގެ އިއްތިޙާދަށް ފާޑުކިޔައިފިއެވެ.
އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނީ އެފްރިކާގެ ބައްރުން ޔޫރަޕްގެ ބައްރަށް ހިޖްރަކުރުމަށް ޓަކައި ކުދިކުދި ބޯޓުތަކުގައި މެޑިޓަރޭނިއަން ކަނޑު ހުރަސްކުރާ އެތަށް ހާސްބަޔަކު އެކަނޑަށް ޣަރަގުވެ މަރުވަމުންދާއިރު އެކަމަށް ޙައްލެއް ހޯދުމަށް ޔޫރަޕްގެ އިއްތިޙާދުން އެކަށީގެންވާވަރާ ގާތަށްވެސް މަސައްކަތް ނުކުރާކަމުގައެވެ. އަދި ކަނޑަށް ޣަރަގުވާ އަންހެނުންނާއި ކުޑަކުދިންނާއި ބޮޑެތި މީހުން ސަލާމަތް ކުރުމަށްވެސް ޔޫރަޕްގެ ގައުމުތަކުން އަޅާނުލާ ކަމަށް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ތަކުގެ މަސްއޫލުވެރިންވަނީ ތުހުމަތު ކުރައްވާފައެވެ.
އދ. ބުނާގޮތުން މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށް ހިޖްރަކުރުމަށް ދަތުރުކުރާ މީހުންގެ ތެރެއިން ހަތަރު ހާހެއްހާ މީހުން ފާއިތުވި ހައެއްކަ އަހަރުތެރޭގައި ވަނީ ކަނޑަށް ޣަރަގުވެގެން މަރުވެފައެވެ. މިހާ ގިނައަދަދެއްގެ މީހުން މަރުވެފައިވަނީ އެމީހުން ސަލާމަތް ކުރުމުގެ ފުރްސަތު އިޓަލީފަދަ ގައުމުތަކަށް އޮއްވައި އެކަމާ އަޅާނުލުމުގެ ސަބަބުން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ރިޕޯޓްތައް ބުނާގޮތުން މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖްރަކުރުމަށް ކަނޑު ހުރަސްކުރުމުގެތެރޭގައި ޣަރަގުވި މީހުންގެ އަދަދު ވޭތުވެދިޔަ ހައެއްކަ އަހަރުތެރޭގައި ދިހަވަރަކަށް ހާހަށްއަރާފައިވާއިރު ޔޫރަޕްގެ ގައުމުތަކުން ސަލާމަތް ކޮށްދީފައިވަނީ އެންމެ ހައެއްކަ ހާސް މީހުންނެވެ. (ނޫސްއެޖެންސީތައް)