މިޔަންމާގެ އަޔަވެދީ ޔުނޭޓަޑްއާއި ދެކޮޅަށް މިއަދު ނިއުރޭޑިއަންޓް ކުޅުނު މެޗްގައި ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ނިއުރޭޑިއަންޓު ސްޕޯޓްސް ކްލަބުން ބުނެފިއެވެ.

މިޔަންމާގައި ކުޅުނު މިމެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިއުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނާ ޙަސަން ޙަމީދު (ޑަކޭ) ބުނީ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ކުރިއަށް ހުރި މެޗްތަކުގައި ކުޅުންތެރިންގެ ފަރާތުން އިތުރު ކުރިއެރުން ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

"އަހަރެމެން މިތަނަށް [މިޔަންމާއަށް] އައީ އަހަރެމެން ބަލިވެއްޖެނަމަ ދެވަނަ ބުރަށް ނުދާނެކަން ރަނގަޅަށް އެނގިގެން. އަހަރެމެން މިތަނަށް އައީ މޮޅުވުމަށް. ނަމަވެސް ކުރީ މެޗަށް ވުރެ ރަނގަޅު ކުޅުމެއް އހަރެމެންގެ ކުޅުންތެރިން ދައްކައިފި،" ޑަކޭ ބުންޏެވެ.

ޑަކޭބުނީ ކުރިއަށް އޮތް ދެ މެޗްގައި ހަ ޕޮއިންޓް ހޯދައިގެން ނިއުއަށް ދެވަނަ ބުރަށް ދެވިދާނެ ކަމަށެވެ.

މާލޭގައި މިދެޓީމް ބައްދަލު ކުރި މެޗް 3 -0 ގެ ނަތީއަކުން ބަލިވި ނަމަވެސް، މައްސަލަތަކެއްގެ ތެރޭގައި އޮތް ނިއުއިން ވަނީ މިއަދުގެ މެޗްގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ.

މިއަދުގެ މެޗް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިންމާލިއިރު ނިއުއަށް އިރުޝާދު ދިނީ މީގެ ކުރިންވެސް ބައެއް މެޗްތަކުގައި އެޓީމަށް އިރުޝާދު ދިން ސޮބާއެވެ. އެއީ މިމެޗާ ކުރިމަތިލިއިރު އެންމެ ފަހުން ނިއުގެ ކޯޗްކަމަށް ހަމަޖެއްސި އަމީރު އަލަގިޗް މަގާމުން ވަކިވުމުންނެވެ. އަލަގިޗްއަކީ މިސީޒަންގައި ނިއުއަށް ހަމޖެއްސި ތިން ވަނަ ކޯޗެވެ.