ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް އެމެންޑެންޑް އެންޑް ރީސްޓޭޓެޑް އެގްރީމެންޓުގެ ދަށުން ސަރުކާރުން ވިލާ ގްރޫޕަށް ދޫކޮށްފައިވާ ތިން ރަށާއި ދެ ފަޅުގެ އެއްބަސްވުމުގައިވާ ގޮތުން އެތަންތަނުގެ ކުލި ދައްކަން ޖެހޭނީ މަސައްކަތް ނިމި ރިސޯޓުތައް ހުޅުވުމުން ކަމަށް ވިލާ ގްރޫޕުން ބުނެފި އެވެ.

ވިލާ ގްރޫޕުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސެކްރެޓަރީ އިބްރާހީމް ރަޝީދު ވިދާޅުވީ ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް އެކުންފުންޏަށް ދޫކޮށްފައިވާ ތ. އެލާ އާއި ގދ. ގަޒީރާ އާއި ރ. މާނެންފުށީގެ އެއްބަސްވުކުގައި މަސައްކަތް ނިންމުމަށް ދީފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ސޮއިކުރި އެ އެއްބަސްވުންތަކުގައިވާ ގޮތުން އެ ރަށްރަށުގެ ކުލި ދައްކަން ޖެހޭނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ވިލާއަށް ދޫކޮށްފައިވާ ދެ ފަޅު ކަމުގައިވާ ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާ ފަޅުގެ އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ހަތް އަހަރު ކަމަށާއި އެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކަމަށް ރަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެއްބަސްވުމުގައިވާ ގޮތުން އެ ފަޅުތަކުގެ ކުލި ދައްކަން ޖެހޭނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރާއިން އެކުންފުންޏަށް ފޮނުވި ނޯޓިސްގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ކަމަށެވެ. އަދި އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފިނަމަ އެ ކުންފުނީގެ 5،000 މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތަކާ އެކު 50،000 މީހުންގެ ހައްގު ގެއްލޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން ވިލާގެ ރިސޯޓްތަކުގައި ތިބޭ ފަތުރުވެރިންނާއި އެ ކުންފުންޏާ ގުޅިގެން ވިޔަފާރިވެރި ކުރަމުންދާ ފަރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ގްރޫޕްގެ ގާނޫނީ ވަކީލު އަހްމަދު ޝަފީގު ވިދާޅުވީ އެ ކުންފުނިން އެދުނު އެއްވެސް އަމުރެއް ސިވިލް ކޯޓުން ނެރެދީފައިނުވާ ކަމަށާއި އެކަމާ މެދު ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ގޯސްކޮށް އެއްވެސް ކަމެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި އެއްބަސްވުންތައް ބާތިލްކޮށް ފައިސާ ދައްކަން އަންގާފައި ވަނީ އެއްވެސް ގާނޫނީ ބިނާއެއް ނެތި ކަމަށެވެ.