16 Apr 2015, 00:02
ސިއްހީ ދާއިރާ ކުރިއެރުމުގެ ގޮތުން 20 ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް މިއަހަރުގެ ޖުލައި މަހުގެ ކުރިން ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
އަތޮޅު ތެރެއަށް ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ތައާރަފް ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ ސްޕެޝަލިސްޓުނަށް ވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އާއި ސަރުކާރު މެދުވެރިވެގެން ފުރުސަތު ހޯދައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާއިންނާއި މެނޭޖުމަންޓު ދާއިރާއިން ތަމްރީނު ހޯދުމަށް މިއަހަރު ތެރޭ ދިވެހިން ރާއްޖެއިން ބޭރށް ފޮނުވޭނެ ކަމަށް ވިދާޅުވިއެވެ.
"ކުރި މަގަށް ވިސްނައި އެކި ދާއިރާގެ ސްޕެޝަލިސްޓުން ތަމްރީނު ކުރަން ވަނީ ޖެހިފައި. މިއަމާޒަށް ވާސިލްވުމުގެ ގޮތުން 20 ސްޕެޝަލިސްޓުން ސަރުކާރުގެ ހަރަދުގައު ޖުލައި މަހުގެ ކުރިން ފޮނުވޭނެ،" ޒަރީރު ވިދާޅުވި އެވެ.
އޭޕްރިލް 15، 2015: އެންސްޕާއިން ރާއްޖޭގައި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ސަންފޮޓޯ/ އަލީ ނަސީރު
މިހާރު ރާއްޖޭގައި 180 މެޑިކަލް ފެސިލިޓީސް ހިނގަމުންދާއިރު ސްޕެޝަލިސްޓުން ހިދުމަތް ދެމުންދާ ކަމަށާއި ނަމަވެސް ބައެއް ސްޕެޝަލިސްޓުން ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވަނީ އެފަދަ ޑޮކްޓަރުންގެ އެހީއަށް ބޭނުންވާ މީހުންގެ އަދަދު އެ ޑޮކްޓަރުން ތިބޭ ހިސާބުތަކުގައި މަދުކަމުން ކަމަށާއި ކުރިއަށް އޮތްތަނުގައި ހާއްސަ ޑޮކްޓަރުންނަށް ބޭނުންވާ މީހުންގެ ތަފާސް ހިސާބު އެއްކުރެވި ސްޕެޝަލިސްޓުންގެ އެހީތެރިކަން މުޅި ރާއްޖޭގައި ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ 100 ރަށެއްގައި މިހާރު ބޭސް ފިހާރަ ހުޅުވިފައިވާއިރު 57 އެމްބިއުލާންސް ވަނީ ގެނައުމުގެ މަގުތަމީގައި ކަމަށާއި މިއަހަރު ނިމެންވާއިރަށް ހުރިހާ އަތޮޅެއްގެ ސީ އެމްބިއުލާންސްގެ ހިދުމަތް ދެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސީޓީސީ ސްކޭންނާއި އެމްއާރްއައި ދާދި އަވަހަށް ހޯދައި ދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އާސަންދާގެ ހިދުމަތް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ފަސޭހަ ދަނީ ލިބެމުންދާ ކަމަށާއި ސަރުކާރުން ސިއްހީ ދާއިރާއަށް ދޭ އަހުމިއްޔަތު ބޮޑުވެ ބޮޑެތި ހަރަދުތައް ދަނީ ކުރެވެމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.