ހާއްސަ ބަލިތަކަށް ފަރުވާ ދެއްވާ "ސުޕަ ސްޕެޝަލިސްޓުން"ގެ ހިދުމަތް އަތޮޅު ތެރޭގައި ދިނުމަށް އެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތައާފަރުކޮށްދެއްވައިފި އެވެ.

"ރާއްޖޭގެ އެކިކަންކޮޅުތަކުން ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް" ދޭން ނިންމާފައި ވަނީ ރާއްޖޭގެ 22 ހޮސްޕިޓަލެއްގަ އެވެ. އެ ހޮސްޕިޓަލްތަކަށް އެކި ދުވަސް މަތިން ސްޕެޝަލިސްޓުން ދަތުރުކޮށް ބަލި މީހުންނަށް ފަރުވާދޭނެ އެވެ.

އަތޮޅު ތެރެއަށް ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ތައާރަފް ކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ މިރޭ އިފްތިތާހު ކުރި އެ ނިޒާމްގެ ސަބަބުން އަތޮޅު ތެރޭގެ ރައްޔިތުން ބޭސް ފަރުވާއަށް ކުރަންޖެހޭ ދަތުރު ކުރުވެގެންދާނެ ކަމަށެވެ. އެ ނިޒާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 22 ހޮސްޕިޓަލެއްގައި ސުޕަ ސްޕެޝަލިސްޓުން ހިދުމަތް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ހިދުމަތް ދޭން ފައްޓަވާ ސުޕަ ސްޕެޝަލިސްޓުންނަކީ އިންޑިއާ އާއި ލަންކާގެ ނުވަ ހޮސްޕިޓަލެއްގެ ޑޮކްޓަރުންނެވެ.

"މި ޕުރޮގުރާމްގެ ދަށުން ކޮންމެ މަހަކު ރާއްޖޭގެ ކޮންމެ ވެސް ތިން ސަރަހައްދެއްގައި ޒިވިޓިން ޑޮކްޓަރުން ނަމުގައި ސުޕަ ސްޕެޝިއަލިސްޓުންގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާގޮތަށް މިހާރު މިވަނީ އިންތިޒާމް ކުރެވިފައި،" އެންސްޕާގެ ސީއީއޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޑޮކްޓަރުންގެ ޓީމްތައް ހުޅުމާލެ އާއި މާލޭގައި މިއަދު ހިދުމަތްދޭން ފަށާފައިވާއިރު ރާއްޖެ އާއި އުތުރާއި ދެކުނުގައި މާދަމާ ހިދުމަތް ފަށާނެ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ، ޑޮކްޓަރު އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ހިދުމަތް ދޭން ފަށާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

ސުޕަ ސްޕެޝަލިސްޓުން ހިދުމަތް ދެއްވާ ދާއިރާތައް:

* ނިއުރޮލޮޖިސްޓުން

* ނިއުރޯސާޖަނުން

* އެންޑޯކުނޮލޮނޮޖިސްޓުން

* ކާޑިއަލޮޖިސްޓުން

* އީއެންޓީ ސުޕެޝިއަލިސްޓުން

* ފިޑީޓިއަޝިނުން

* ޔޫރޮލޮޖިސްޓުން

* ނެފްރޮލިޖިސްޓުން

އެ ނިޒާމްގެ ތެރެއިން އަތޮޅު ތެރެއިން ހިދުމަތް ދެނީ އިންޑިއާ އާއި ލަންކާގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނެވެ. އެ ޑޮކްޓަރުން ނިސްބަތްވާ ހޮސްޕިޓަލްތަކަކީ.

* މަނިޕާލް ހޮސްޕިޓަލް، އިންޑިއާ

* ގުލޯބަލް ހޮސްޕިޓަލްސް، އިންޑިއާ

* ނިމްސް މެޑިސިޓީ، އިންޑިއާ

* އާނަންތަޕޫރީ ހޮސްޕިޓަލް، އިންޑިއާ

* ނަރަޔާނާ ހެލްތް، އިންޑިއާ

* ކޮލޮމްބިއާ އޭޝިއާ، އިންޑިއާ

*ލަންކާ ހޮސްޕިޓަލް، ލަންކާ

* ނަވަލޯކާ، ލަންކާ

* އާސީރީ ގުރޫޕް ސެންްޓްރަލް، ލަންކާ

އެ ޑޮކްޓަރުން އަތޮޅު ތެރެއަށް ދަތުރުކޮށް ހިދުމަތްދޭއިރު އެ ހިދުމަތްތައް ދެނީ އާސަންދާގެ ދަށުން ކަމަށް އެންސްޕާއިން މައުލޫމާތު ދެއެވެ.