މާފަންނުގައި ހުންނަ މާފަރު ގެސްޓު ހައުސް އިން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހއ. ދިއްދޫ ޖަރީމާގޭ އަބްދުއްސައްތާރު މުހައްމަދު،46، ގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ އަށް ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު ހަތް ވަނަ ދުވަހުގެ ރޭ 7:30 ހާއިރު މާފަރު ގެސްޓު ހައުސްގައި އަބްދުއްސައްތާރު އުޅުނު ކޮޓަރި އޭނާގެ ހާޒިރުގައި ބަލައިފާސްކުރި އިރު އެ ކޮޓަރީގައި ހުރި އެނދުގެ ދަށުން ފެނުނު ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ފެނުނު 37.7235 ގްރާމްގެ އެލްޕްރޮޒޯލަމް ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.