އައިޖީއެމްއެޗް ކަރީގައި ހުއްޓާ، މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅަށް ހަމަލާދީ މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޫރު މަރާ ގުޅިގެން ހޯދަމުންދަނިކޮށް، ފުލުހުންނާ އަމިއްލައަށް ހަވާލުވި ޏ. ފުވައްމުލައް ދަނޑިމަގު، ޝައިނީ މުހައްމަދު ސަމީހު، 19، އާއި އެ ރަށު ހޯދަނޑު، ނޯވެލް މުޙައްމަދު ޝަމްލު، 18،ގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ކަމަށެވެ.

ނޫރު މަރާ ގުޅިގެން ހޯދަމުން ދަނިކޮށް ގއ. ކޮނޑޭގައި ހުއްޓާ ހައްޔަރު ކުރި ކ. މާލެ، ދަފްތަރު، އިސްޙާޤް ނާދިރު 18،ގެ ބަންދަށް 15 ދުވަސް އިތުރު ކުރީ ގއ. ދާންދޫ ކޯޓުން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު ނޫރަށް ހަމަލާދިނުމުން، އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް އޭނާ މަރުވީ އެ ރޭ މެންދަމު 3:30 ހާއިރު އެވެ.

ނޫރުގެ އާއިލާއިން "ސަން"އަށް ބުނީ އޭނާ މަރާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ޗާންދަނީމަގު ޔޫރޯ ސްޓޯރު ކައިރިން ޒުވާނަށް ހަމަލާދީ ޒަހަމްކޮލުމުން އެ ޒުވާނާ ގޮވައިގެން އައިޖީއެމްއެޗަށް ގޮސް ހުއްޓާ ކަމަށެވެ.
އާއިލާއިން ބުނީ އެ ރޭ 11:45 އެހާކަންހާއިރު ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރު އާއި އިތުރު ބަޔަކު އެ މީހާ ގޮވައިގެން އައިޖީއެމްއެޗަށް ދިޔަ ކަމަށެވެ.

ޒަޚަމްވި މީހާ އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު އެ ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ނޫރު އާއި އިތުރު ބަޔަކު ތިއްބައި ސައިކަލުން ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކައްޓަށް ވަޅި ހެރި ކަމަށް އާއިލާއިން ބުނެ އެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހަޅޭލައްވައި އަޑުގަދަ ކުރަން ފެށުމުން އައިޖީއެމްއެޗުގެ "ޖަގަހަ ތެރޭގައި" ތިބި ސެކިއުރިޓީ ބަލަހައްޓާ މީހުން ނުކުތްއިރު ހަމަލާދިން ވަޅި އެއްލާލުމަށްފަހު އެމީހުން ފިލާފައިވާ ކަމަށް ވެސް ނޫރުގެ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.