ދިވެހި ތާރީޚުގައި ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފުރަތަމަ ފަހަރަށް ދުވަހެއް ފާހަގުރެވުނީ މި އަހަރު އެވެ. ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ 14 އެޕްރިލް އަކީ ބަހުގެ މަޝްހޫރު އަދީބު އައްޝައިޚް ހުސައިން ސަލާހުއްދީނުގެ އުފަން ދުވަހެވެ. ފުރަތަމަ ފަހަރަށް ރަސްމީކޮށް ދިވެހި ބަހުގެ ދުވަސް ފާހަގަކުރާ އިރު ދިވެހި ބަަހާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ.

ބަހެއް ނެތިގެން ނުވަތަ މަރުވެގެން ދާނޭ މަރުހަލާއާ ބެހޭ ގޮތުން ބާހާވި އިލްމުގެ ބޭފުޅުން ވަނީ ތަފާތު ދިރާސާ ކުރައްވާފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ދިރާސާ އަކީ ޑޭވިޑް ކްރިސްޓަލް ކޮށްފައިވާ ދިރާސާއެވެ.

ޑޭވިޑް ކްރިސްޓަލް ވިދާޅުވާ ގޮތުގައި ބަހެއް މަރުވުމަށް ތަފާތު ސަބަބުތައްވެ އެވެ. އެ ސަބަބު ތަކަކީ:

  • ގުދުރަތީ ކާރިސާއެއްގެ ސަބަބުން އެ ބަހުން ވާހަކަ ދައްކާ އެއްމެން ނެތި ދިއުން.

  • ޒުވާނުން ބަސްބޭނުން ކުުރުން މަދުވުން.
  • އަޅުވެތި ކުރުން، އެހެން ބައެއްގެ އަޅުވެތިކަމަށް ދާން ޖެހުން.
  • ތައުލީމީ ނިޒާމުގައި ކިޔައިވެދޭ ބަސް އެހެން ބަހަކަށް ބަދަލުކުރުން.
  • ޕްރައިމަރީ ގްރޭޑްތަކުގައި އެ ބަސް ކިޔަވައި ނުދިނުން.
  • ސަގާފަތަށް ނުވަތަ މީހުންގެ ވިސްނުމަށް އަންނަ ބަދަލުގެ ސަބަބުން އެބަހަކަށް. ސަމާލުކަން ނުދިނުން.
  • އަހުލުވެރިން ދެވަނަ ބަަހަކަށް ބޮޑަށް ސަމާލުކަން ދިނުން.
  • ސަރުކާރުގެ ރަސްމީ ލިޔުންތައް ދެވަނަ ބަހަކުން ހުރުން.

މި ސަބަބުތަކާއި ރާއްޖޭގެ ބަހުގެ މިހާރުގެ ހާލަތާ ގުޅުވާލުމުން ދިވެހި ބަހުގެ ހާލަތު ތަަސައްވަރު ކުރެވޭނެ އެވެ.

ދިވެހި ބަހުގެ ދުވަހުގައި ބޭއްވި ސެމިނާގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއާ ލެކްޗަރާ ޑރ. ނާޝިއާ މުހައްމަދު ވަނީ ދިވެހި ބަހާ ބެހޭ ގޮތުން އެބޭފުޅާ ކޮށްފައިވާ އިލްމީ ދިރާސާއެއްގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެ ދިރާސާގައި މައިގަނޑު ތިން ކަމަކަށް ބަލާފައިވެ އެވެ. އެއީ ދިވެހި ބަހާ މެދު މީހުން ދެކޭ ގޮތާއި، ބަސް އުނގަންނައި ދިނުމަށް ބެލެނިވެރިން ކުރާ މަސައްކަތް އަދި ސްކޫލް މާހައުލުގައި ދިވެހި ބަހަށް ދެވޭ ސަމާލުކަން ހިމެނެ އެވެ.

ޑރ. ނާޝިއާގެ ދިރާސާގައި ވަނީ 102 ސާނަވީ ދަރިވަރުންންގެ މައުލޫމާތު ހޯދާފަ އެވެ. ބަހުގެ ހުނަރުތައް ދަސްކުުރުމުގައި ސާނަވީ ދަރިވަރުންނަށް އެންމެ ފަސޭހަ ބަހަކީ ކޮބައިތޯ މި ދިރާސަގައި ވަނީ ބަލާފަ އެވެ. އެ ގޮތުން ދަރިވަރުންނަށް ކިޔަން، ލިޔަން އަދި ވާހަކަައްކަން އެންމެ ފަސޭހަ ބަހަކީކޮބައިތޯ ވަނީ ބަލާފަ އެވެ. މި ދިރާސާގައި ބައިވެރި ދަރިވަރުންގެ ތެރެއިން 81 ޕަސެންޓް ދަރިވަރުން ބުނެފައި ވަނީ ކިޔަން ފަސޭހައީ އިނގިރޭސިން ކަަމަށެވެ. ފަންސާސް ހަތް ޕަސެންޓް ކުދިން ބުނެފައި ވަނީ ލިޔަން ފަސޭހައީ އިނގިރޭސިން ކަމަށެވެ. ވާހަކަ ދައްކުމުގައި ފަސޭހަ ކަމަށް 45 އިއްސައްތަ ކުދިން ބުނެފައި ވަނީ ދިވެހިން ނެވެ. އަދި 23 އިއްސައްތަ ބުނެފައި ވަނީ ވާހަކަ ދައްކަން ފަސޭހައީ އިނގިރޭސިން ކަަމަށެވެ. ތައުލީމީ ދާއިރާގެ ބޭފުޅުންގެ ތެރެއިން މި ދިރާސާއަށް މައުލޫމާތުދިން 113 ފަރާތުގެ ތެރެއިން 83 އިއްސައްތަ މީހުން ދެކެނީ އިނގިރޭސި ބަހަކީ ދިވެހި ބަހަށް ވުރެ 'ސްޕީރިއާ' ބަހެއް ގޮތުގަ އެވެ.

މި ދިރާސާގައި އެހެން ތަފްސީލްތައް ވެސް ހިމަނާފައިވެ އެވެ. އެހެންނަމަވެސް ނަތީޖާތައް ހުރީ ދާދި އެއްގޮތަށެވެ. ދިވެހިން ދިވެހި ބަހާއި ދެތެރޭ ދިވެހި މުޖްތަމައު ދެކެނީ އެހާ ފުރިހަމަ ނަޒަރަކުން ނޫނެވެ.

ދިވެހިބަސް ކިޔަވައި ދިނުމުގައި ބެލެނިވެރިން ދެނީ ކިހާ ސަމާލުކަމެއްތޯ ވެސް ވަނީ މި ދިރާސާގައި ބަލާފަ އެވެ. ދިރާސާގެ ނަތީޖާ ދައްކާގޮތުން ޕްރީ ސްކޫލް ބެލެނިވެރިންގެ ތެރެއިން ވެސް ގިނަ ބެލެނިވެރިން ބޮޑަށް ސަމާލުކަން ދެނީ އިނގިރޭސި ބަސް ދަރިންނަށް އުނގަންނައި ދިނުމަށެވެ.

މީގެ އިތުރުން މި ދިރާސާގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޓީޗަރުން ބަސް މަސްހުނިކޮށްގެން ވާހަކަ ދެއްކުމާއި ސްކޫލް މާހައުލުގައި ދަރިވަރުންނަށް ފެންނަ ލިޔުންތައް ދިވެހި ބަހަށްވުރެ ގިނައިން އިނގިރޭސި ބަހުން ހުންނަކަން ފާހަގަވި އެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ކުރީގެ ރައީސް އައްބާސް އިބްރާހިމް، ދިވެހި ބަހުގެ ދުވަހުގައި އޮތް ސެމިނާގައި ވާހަކަ ދައްކަމުން ވިދާޅުވީ ދިވެހިބަހަށް ދިމާވެފައިވާ އެއްމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގައި ކިޔަވައިދޭން ޖެހޭ ބަހަކީ އިނގިރޭސި ބަސްކަމުގައި ހަމަޖެހުން ކަަމަށެވެ.

އައްބާސް ވިދާޅުވީ އެކަން ކުރި މީހުން އެކަން ކުރީ ރަނގަޅު މަގުސަދެއްގައި ރަނގަޅު ބޭނުމެއްގައި ކަަމަށެވެ. އޭރު ރާއްޖޭގައި ޑިގްރީ ފެންވަރަށް ކިޔެވެން ނޯންނަ ކަމަށާއި އެހެން ކަމުން މަތީ ތައުލީމު ހާސިލްކޮށްދިނުމަށް ސަރުކާރުން ބޭރަށް ދަރިވަރުން ފޮނުވަން ޖެހޭ ކަމަށާއި އޭރު އިނގިރޭސި ބަަހަށް ސަމާލުކަން ދިނީ އެގޮތަށް ރާއްޖެ އިން ބޭރަށްދާ ދަރިވަރުންގެ އިނގިރޭސި ފެންވަރު މަތިިކުރަން ކަމަށް އައްބާސް ވިދާޅުވި އެވެ.

ދިވެހި ބަހާ ބެހޭ ގޮތުން ފެންނަން ހުރި ކަންތައްތަކާއި ދިރާސާތަކުން 'ހިތްދަތި' މަންޒަރެއް ފެނުނު ނަމަވެސް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ދެކެވަޑައިގަންނަވާ ގޮތުގައި އުންމީދު ކަނޑާލާ ހިސާބަކަށް އަދި ނާދެ އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފު ވިދާޅުވީ، ބަހެއް ނެތިގެންދާ އެއް ސަބަބަކީ އެ ބަސް ލިޔާނެ އަކުރެއް ނެތުން ކަމަށާއި އެހެން ނަަމެވެސް ދިވެހި ބަހުގައި ލިޔާނެ އަކުރެއް އެބައޮތް ކަމަށެވެ. އަދި ސަރުކާރުން ވެސް ބަހަށް ސަމާލުކަން ދެއްވާ ކަމަށާއި މި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ބަހަށް ކުރިއެރުން އަންނާނެ ކަަމަށެވެ.

ދިވެހި ބަހުގެ ހަރަކާތްތައް ފެށުމަށް ބޭއްވި 'އަދަބީ އުފާ'ގައި އަޝްރަފް ވިދާޅުވީ ދިވެހި ބަހަކީ އެއްގޮތަކަށް ވެސް ފަގީރުބަހެއް ނޫން ކަމަށެވެ.

" ދެހާސް ފަސް ސަތޭކަ އެތައް އަހަރެއް ކުރިން އުފެދުނު މި ބަހާގެން އަދާ ހަަމައަށް އައިއިރު ވިޔަފާރީގެ ކޮން މުއާމަލާތެއްތޯ އޮތީ ނުކުރެވި. އަޅުގަނޑުމެން ކާންބޭނުންވާ އެއްޗެއް، އެ ލަފުޒުތަކުގެ ތެެރޭގައި ބޭނުންކޮށްގެން ނުކެވި އޮތީ ކޯއްޗެއްތޯ؟ މިވެސް ސުވާލުކޮށްލަން ޖެހޭ ކަމެއް. އަޅުގަނޑުމެން ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ގާއިމުކުުރުމުގަ އުފެއްދުމަގައި މުވާސަލާތު ކުރުމުގައި އަޅުގަނޑުމެންނަށް ލަފުޒެއް ނެތިގެން ތާށިވެގެން އުޅުނީ ކޮން މުއާމަލާތެއްތޯ؟" އަޝްރަފު ވިދާޅުވި އެވެ.

"ދިވެހިބަސް ވެސް މިދަނީ އިއްޔެ އޮތް މަގާމުން ވީއްލި މުޅިން އާއި ރަހަ އާއި ވަސްޖެހުމުން. އެހެންކަމުން ދިވެހި ބަހަކީ ދިވެހީންގެ އަމިއްލަ ޝަރަފު ކަމުގައި ހަދާ ދިވެހި ބަހަކީ ދިވެހީންގެ ޚިޔާލާއި ފިކުުރުގެ ތެރެއިން ވާރުތަވާ ނުވަތަ ވާސިލްވާން ޖެހޭ ބަަހަކަށް ހަދަންޖެހޭ ކަމާއި މެދު ޝައްކެތް ނެތް" އަޝްރަފު ވިދާޅުވި އެވެ.

ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާ ކަމަށްވާ ދިވެހިބަސް ކުރިއަރުވައި ދިރުވައި އަލާކުރުމަށްޓަކައި އެ ބަހަކީ ޝަރަފެއް ކަމުގައި އެއްމެން ދެކެންޖެހެ އެވެ. ދިވެހި ބަސް 'މަރުން' ސަލާމަތް ކުރުމަށް އެއްމެންގެ ހިތްވާރާއި މަސައްކަތް ބޭނުންވެ އެވެ.