15 Apr 2015, 16:53
އައްޑޫ ސިޓީގައި ކުޑަކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، މިއަދު 3:40 ކަންހާއިރު އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް ކައިރީ ހިނގި އެކްސިޑެންޓެއް ގައި މެދު އުމުރިގެ ދެމީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެދެ މީހުންނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"އެ އެކްސިޑެންޓުގައި އަނިޔާވީ އެއް ސައިކަލުގައި ތިބި މެދުއުމުރުގެ ދެ މީހުންނަށް. އަނިޔާގެ މާ ބޮޑު ތަފްސީލެއް އަދި ނުލިބޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
އެެއެކްސިޑެންޓް ހިންގަން މެދުވެރިވީ 15 އަހަރުގެ ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
އެއެކްސިޑެންޓް ހިނގުމުން ސައިކަލް ދުއްވަން އިން ކުޑަކުއްޖާ މަޑުނުކޮށް ދުއްވާފައި ދަނިކޮށް އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި ވަނީ ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައެވެ. އޭގެ ތެރެއިން އެއްބަޔަކު މަރުވެފައިވާއިރު އަނެއް ބަޔަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.