15 Apr 2015, 16:51
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމުގެ ތުހުމަތު ކުރާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދުގެ ބަންދުގެ މުއްދަތު ހަ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ އާފިޔާގެ ބަންދުގެ މުއްދަތު ހަ ވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ މިއަދު ކަމަށާއި މިއަދު ކޯޓުން އަމުރުކޮށްފައި ވަނީ އިތުރު 10 ދުވަހަށް ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކަމަށެވެ.
މަނިކު ވިދާޅުވީ އެ މައްސަލާގައި ދައުވާ ނުކޮށް ގިނަދުވަސްތަކެއް ވާތީ ޕްރޮސިކިއުޓާ ޖެނެރަލްއާ މަޝްވަރާކޮށްގެން 10 ދުވަހުގެ ތެރޭގައި ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.
ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ "މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ" އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.