ނިއުރޭޑިއަން ސްޕޯޓްސް ކްލަބުގެ ހެޑްކޯޗު ކަމުން އާމިރު އަލަގިޗް ވަކިވިތާ ތިން ދުވަސް ފަހުން، އެޓީމުގެ އެކެޑަމީ ކޯޗު ސޮބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން، މިޔަންމާގެ އަޔެވާދީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އޭއެފްސީ ކަޕްގެ މެޗު އެއްވަރުވެއްޖެއެވެ.

އަޔެވާދީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެއްވަރު ވެފައި ވަނީ އެެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި ނަތީޖާއާއެކު އޭއެފްސީ ކަޕްގައި މިހާތަނަށް ނިއު ކުޅުނު ހަތަރު މެޗުން ލިބުނު ޖުމުލަ ހަތަރު ޕޮއިންޓާއެކު ނިއު އަދިވެސް އޮތީ ތާވަލްގެ ތިންވަނައިގައެވެ. މިދިޔަ މަހުގެ 18 ގައި މާލޭގައި 3-0 ގެ ނަތީޖާއަކުން އަޔެވާދީ ނިއުގެ މައްޗަށް ކުރި ހޯދިއިރު، އެ ޓީމް މިހާރު އޮތީ މުޅިއެކު ހަ ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގައެވެ.

މީގެ ކުރިން ސޮބާގެ އިރުޝާދުގެ ދަށުން އޭއެފްސީ ކަޕްގައި ނިއު ކުޅުނު މެޗުން އެ ޓީމް ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މިއަދުގެ މެޗު ފެށިތާ ފުރަތަމަ ކޮޅު ނިއު ރަނގަޅު ކުޅުމެއް ދައްކާފައި ވާއިރު، އަޔެވާދީގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ސަބަބުން ނިއުގެ ކެޕްޓަން އައްސަދު އަލީއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ޝޮޓު، ދަނޑި ކައިރިން ބޭރަށް ދިޔައިރު، އޭގެ މިނެޓެއް ފަހުން އޭނާ ފޮނުވާލި ބާރު ޝޮޓު ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ވަގުތުކޮޅު ޑިފެންސިވް ގޭމެއް ކުޅެން ޖެހުނު އަޔެވާދީ ވަނީ ކުޅުން ރަނގަޅުކޮށް، ނިއުގެ ގޯލަށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެ ހާފްގައި އަޔެވާދީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، އަރިމަތިން ނަގައިދިން ބޯޅަ އަޔެވާދީ ކުޅުންތެރިއަކު ބޮލުން އޭރިއާ ތެރެއަށް ޖައްސާލުމުން ނެގި ޝޮޓު މަތަކުރީ ނިއުގެ ކީޕަރު އެލިޝަރ އެވެ.

ފުރަތަމަ ހާފްގެ މެދުތެރެއިން ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް، ނިއު ވަނީ ރަނގަޅު އެޓޭކިންގް ގޭމެއް ކުޅެ، އަޔެވާދީގެ ޑިފެންސަށް ޕްރެޝަރު ކޮށްފައެވެ. އެގޮތުން 30 ވަނަ މިނެޓުގައި ނިއުގެ ސްލޮވޭކިއާ މިޑްފީލްޑަރު ވިލިއަމް މެކޯ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓެއް ވަނީ އަޔެވާދީ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒު ވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު އަޔެވާދީ ވަނީ ނިއުގެ ޕެނަލްޓީ އޭރިއާ ބޭރުން ގިނަ ބާރު ޝޮޓުތަކެއް ކުރިއަށް ފޮނުވާލާފައެވެ. ނަމަވެސް ގޯލަށް އަމާޒުކޮށް އެ ޓީމަށް ޝޮޓެއް ފޮނުވާނުލެވުނު އިރު، އެ ޓީމަށް ވަނީ މާ ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތްވެސް ނުވެފައެވެ. ނަމަވެސް އަޔެވާދީ ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފަށާފައި ވާއިރު، އެ ޓީމަށް އިތުރު ދަތިކަމަކާ ދިމާވި ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައި 65 ވަނަ މިނެޓުގައި ޑިފެންޑަރު ތިހާ ޒޯ ދަނޑުން ފޮނުވާލުމުންނެވެ.

ދެވަނަ ހާފްގައި ނިއު ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށް، ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރި، ނިއުގެ މިދިޔަ އަހަރުގެ ޓޮޕް ސްކޯރަރ އަލީ ފާސިރު (ސެނޓޭ)ވެސް ވަނީ ކުޅެން އަރުވާފައެވެ.

ގޭމް ކޮންޓްރޯލް ކުރަމުން ދިޔަ ނިއުއަށް ދެވަނަ ހާފްގެ ފަހު ކޮޅު ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އެ ޓީމްގެ މުހައްމަދު ރަޝީދު (ހޮކޭ) ނެގި ހުރަހަކުން ސުހެއިލް ހެދި ޝޮޓު ގޯލަށް ވަންނަން ދަނިކޮށް އަޔެވާދީ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބޯޅަ ދިޔައީ ބޭރަށެވެ.

އޭގެ މިނެޓެއް ފަހުން، ޕެނަލްޓީ އޭރިއާ ބޭރުން އަކްރަމް ފޮނުވާލި ބާރު ޝޮޓު ކީޕަރު އަތުގައި ޖެހިފައި ރީބައުންޑް ބޯޅަ ސުހެއިލަށް ލިބުނު އިރު، އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒުވާ ގޮތް ނުވެފައެވެ. ފަހު ވަގުތުކޮޅު އަޔެވާދީގެ ޑިފެންސަށް ނިއު ކުރަމުން ދިޔަ ޕްރެޝަރު ދަމަހައްޓަމުން ދިޔަނަމަވެސް، މެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.