ރީޖަނަލް މަލްޓިހެޒާޑް އާލީ ވޯނިންގެ ސިސްޓެމް ފޮ އޭޝިއާ އެންޑް އެފްރިކާ (އާރުއައިއެމްއީއެސް) އާއި މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (އެމްއެމްއެސް) އާ ގުޅިގެން ޏ. ފުވައްމުލަކުގައި އިމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމު ކުރުމަށް ފަހު އެތަނަށް ބޭނުންވާ ބައެއް މުވާސަލާތީ ތަކެތި ހަވާލުކޮށްފި އެވެ.

ފުވައްމުލަކުގައި އިއްޔެ ހުޅުވި އެ ސެންޓަރަކީ ރާއްޖޭގައި ހުޅުވި އެފަދަ ފުރަތަމަ ސެންޓަރު ކަމަށް މީޓިއޮރޯލޮޖިކަލް ސާވިސް އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އިން ވަނީ ބުނެފަ އެވެ.

އެ ސެންޓަރަކީ ހާދިސާއެއް ދިމާވެދާނެ ކަމުގެ އިންޒާރު ދިނުމާއި ހާދިސާ އާ ގުޅޭ ގޮތުން 24 ގަޑިއިރު އޮޕަރޭޓް ކުރުމަށް ހުޅުވާފައިވާ ސެންޓަރެއް ކަމަށް އެމްއެމްއެސް އިން ވަނީ ބުނެފަ އެވެ.

އެމްއެމްއެސް އިން ބުނީ އެ ސެންޓަރުގައި ކޮމްޕިއުޓާ ސެޓްތަކާއި ފޯން ސިސްޓަމްގެ އިތުރުން ސެޓަލައިޓް ފޯނު ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ކަންތައްތައް މޮނިޓާ ކުރުމަށް ޓަކައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އާއި އެމްއެމްއެސް އާ ގުޅާލެވިފައިވާ ފޯނުތަކެއް ހުންނާނެ ކަމަށް ވެސް އެމްއެމްއެސް އިން ވަނީ ބުނެފަ އެވެ.

ކުއްލި ހާލަތެއް ދިމާވުމުން އާންމުންނަށް އެކަމާ ބެހޭ ގޮތުން ރައްކާތެރިވުމަށް ބުނެދިނުމަށް މެގަފޯން އާއި އަތުން ގެންގުޅޭ ވައްތަރުގެ ސައިރެން ހުންނާނެ ކަމަށް ވެސް އެމްއެމްއެސް އިން ވަނީ ބުނެފަ އެވެ.

ސުނާމީ ފަދަ ކާރިސާތަކުން ދުރާލާ ރައްކާތެރިވުމަށް ހުޅުވި އެ ސެންޓަރުގެ އިތުރުން ކޮމްޕްލިމެންޓްރީ ސެންޓަރުތަކެއް ފުވައްމުލަކުގައި ހުޅުވުމަށް ނިންމާފައިވާ ކަމަށް އެމްއެމްއެސް އިން ވަނީ ބުނެފަ އެވެ.