ގާހިރާ (އެޕްރީލް 15): މިސްރާއި ސައޫދީ އަރަބިޔާ ގުޅިގެން ސައޫދީ ބިމުގައި ސްޓްރެޓީޖިކް އަސްކަރީ ތަމްރީން ތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ނިންމުން އިޢުލާންކޮށްފައިވަނީ މިސްރަށް ވަޑައިގެން އުޅުއްވާ ސައޫދީ ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން، މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަކަށްފަހު ގައެވެ.

ކުރިން އިޢުލާން ކުރެއްވުމަކާ ނުލައި ސައޫދީ ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން، ކުއްލި ގޮތަކަށް އިއްޔެވަނީ މިސްރަށް ވަޑައިގެން މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އާ ބައްދަލުކުރައްވާފައެވެ. ދެބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ ސައޫދީން އިސްކޮށް ތިބެގެން ޔަމަނަށް މިހާރު ދެމުންގެންދާ ވައިގެ ޙަމަލާތަކާބެހޭގޮތުން ކަމަށް މިސްރާއި ސައޫދީގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަ މީޑިޔާ ބުނެއެވެ.

މިސްރަކީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިވާ ކަމަށް އިޢުލާންކޮށްފައިވާ ގައުމެކެވެ. ނަމަވެސް އެ އޮޕަރޭޝަންގައި މިސްރުގެ ދައުރަކީ މައިގަނޑު ގޮތެއްގައި ލޮޖިސްޓިކް ދައުރެއްކަމަށާއި ވައިގެ ޙަމަލާތަކުގައި މިސްރުގެ އަސްކަރީ ބޯޓުތައް ބައިވެރިނުވާކަމަށް މިސްރުން ބުނެއެވެ. އަދި މިސްރުގެ އެއްގަމު ސިފައިންގެ އެއްވެސް މީހަކު ޔަމަންގައި ހަރަކާތްތެރިނުވާނެ ކަމަށް މިސްރުގެ ދިފާއީ ވުޒާރާއިން ދާދިފަހުން ބުނެފައިވެއެވެ.

މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ މިސްރުގެ ސިފައިންނަކީ ހަމައެކަނި މިސްރު ރައްޔިތުންގެ ޙިމާޔަތުގައި ތިބި ބައެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ޔަމަނުގައި ސައޫދީން ހިންގާ އަސްކަރީ އޮޕަރޭޝަންގައި ތުރުކީއާއި ޕާކިސްތާން ބައިވެރިވާ ކަމަށްވެސް ސައޫދީ އަރަބިޔާއިން ބުނެފައިވެއެވެ. ނަމަވެސް ޕާކިސްތާނުގެ ޕާލަމެންޓުންވަނީ ޔަމަނާ ދެކޮޅަށް ސައޫދީންވެސް އަދި އެހެން ގައުމަކުންވެސް ހިންގާ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމާ ދެކޮޅު ގަރާރެއް ފާސްކޮށްފައެވެ. މިގަރާރަށްފަހު ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ ސައޫދީ އަރަބިޔާއަށް ސީދާ ގޮތެއްގައި އެހެންފަރާތެއްގެ އަސްކަރީ ގޯނާ އާއި ބިރު ކުރިމަތިވެއްޖެ ޙާލަތެއްގައި ސައޫދީންގެ ދިފާޢުގައި ޕާކިސްތާން ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ސައޫދީ ސަރުކާރަށް ދީފައިވާނެ ކަމުގައެވެ. ނަމަވެސް އެހެންގައުމެއްގައި ސައޫދީން ހިންގާ އަސްކަރީ ހަރަކާތެއްގައި ބައިވެރިނުވުމަށް ޕާކިސްތާނުން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ތުރުކީންވެސް ވަނީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރި ވުމަށް ދެކޮޅު ހަދާފައެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ޔަމަންގެ މައްސަލަ ސުލްހަވެރިގޮތުގައި ޙައްލުކުރުމަށް ޔަމަންގެ ވާދަވެރި ފަރާތްތަކަށް ބާރުއެޅުމަށް ސައޫދީ އަށާއި އީރާނަށް ގޮވާލައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިސްރާއި ސައޫދީ އަރަބިޔާ ގުޅިގެން ސައޫދީ ބިމުގައި ހިންގުމަށް ނިންމި ސްޓްރެޓީޖިކް އަސްކަރީ ތަމްރީން ތަކަކީ ޔަމަންގައި ސައޫދީން ހިންގާ އަސްކަރީ އޮޕަރޭޝަނާ ގުޅުންހުރި ކަމެކެވެ. އަދި މިއީ މެދުއިރުމަތީގައި އިތުރުވަމުންދާ އީރާނުގެ ބާރާއި ނުފޫޒާ ކުރިމަތިލުމުގެ ގާބިލްކަން ހޯދުމުގެ ސިޔާސަތުތަކުގެ ދަށުން ހިންގާ ތަމްރީންތަކެކެވެ.

މި ތަމްރީންތަކުގައި ތުރުކީއާއި ޕާކިސްތާން ބައިވެރި ކުރުމަށްވެސް ސައޫދީން މަސައްކަތް ކުރާކަމަށްވެއެވެ.

ނަމަވެސް ޔަމަންގެ ދާޚިލީ މައްސަލައިގެ ތެރެއަށް ވަނުމަށް ސައޫދީން ގެންގުޅޭ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ދެގައުމު ބޭނުންނުވާތީ މިތަމްރީންތަކުގައި އެދެގައުމު ބައިވެރި ވާނެކަމުގެ ޔަގީންކަން ސައޫދީންނަށް ނެތްކަމަށް ޚަބަރުތައް ބުނެއެވެ.

ސައޫދީ ބިމުގައި މިސްރާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކުގައި ގަލްފުގެ އިތުރު ހަތަރު ގައުމެއްކަމަށްވާ ޔޫއޭއީ، ކުވައިތު ބަޙްރައިން އަދި ގަތަރުގެ ސިފައިންވެސް ބައިވެރިވާނެ ކަމަށް ވެއެވެ.

އީރާނާއި އެމެރިކާ ގާތްވަމުންދާތީ ސައޫދީން ގެންދަނީ ކަންބޮޑުވާކަން ހާމަކުރަމުންނެވެ. މިގޮތުން އެމެރިކާގެ ބައިވެރިއެއްގެ ގޮތުން ގަލްފުގައި ސައޫދީންނަށް ޒަމާނުއްސުރެ ލިބިފައިވާ މަގާމު، އީރާނާއި އެމެރިކާ ގާތްވުމުގެ ސަބަބުން ގެއްލިދާނެ ކަމުގެ ބިރު ސައޫދީ މަސްއޫލުވެރިން އިޙްސާސް ކުރައްވާކަމަށް ތަހްލީލީ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)