ނޮވެމްބަރު 3، 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ އެންމެ ބޮޑު މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ފިރިހެން ދަރިއަކު، ސީރިއާ ހަނގުރާމާގައި މަރުވެއްޖެ އެވެ.

ސަންއާ މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުނީ މަރުވެފައި ވަނީ އަހުމަދު ޖަލާލް،27، ކަމަށެވެ. އޭނާ މަރުވެފައި ވަނީ ތިން މަހުގެ ހަނގުރާމައިގެ ޓްރެއިނިން އެއް ހެދުމަށް ފަހު ހަނގުރާމަވެރިންގެ ކޭމްޕާ ގުޅުނު ފަހުން ކަމަށް ވެސް އެމީހާ ބުންޏެވެ.

ޖަލާލް އާއި އޭނާގެ އަންހެނުންނާއި ހަ މަހުގެ ދަރިފުޅު ގޮވައިގެން އެމީހުން މިދިޔަ ޑިސެމްބަރު މެލޭޝިއާ އަށް ފުރާފައި ވަނީ ޗުއްޓީއަކަށް ކަމަށް ބުނެ އެވެ. އަދި އޭގެ ފަހުން ޖަލާލް ވާހަކަ ނުދައްކާ ކަމަށާއި ރާއްޖޭގައި ތިބި އެމީހުންގެ އާއިލާއާ ވާހަކަ ދައްކަނީ ޖަލާލްގެ އަންހެނުން ކަމަށް ވެސް އެމީހާ ބުންޏެވެ.

ސަން އަށް މައުލޫމާތު ދިން މީހާ ބުނީ އެމީހުން ތިބީ ސީރިއާގައި ކަމަށާއި އަދި ޖަލާލް މަރުވިކަން ވެސް އާއިލާއަށް އަންގާފައި ވަނީ އޭނާގެ އަންހެނުން ކަމަށެވެ.

ރާއްޖެ އިން ސިރިޔާ ހަނގުރާމައަށް ދާ މީހުން އިތުރުވެފައިވާ އިރު، ރާއްޖެ އިން ސީރިއާ އަށް ޖިހާދަށް ދާ ގިނަ މީހުން 'ރެކްރޫޓް' ކުރަނީ ޖަލުގައި ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުން ވަނީ ބުނެފަ އެވެ.

އެ ނޫހަށް ދިން އިންޓަވިއުއެއްގައި ފުލުހުންގެ އިންޓަލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެފައި ވަނީ މިއީ މި ސަރަހައްދުގެ ސަލާމަތަށް ކުރިމަތިވެފައި އޮތް އެއްމެ ބޮޑު ނުރައްކާ ކަމަށެވެ.

ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ދިވެހި ޒުވާނުން ބައިވެރިވަނީ އެ ހަނގުރާމަތަކުގެ މަގުސަދު ނޭނގި ކަމަށާއި އެ ޒުވާނުންނަށް ރަނގަޅު މަގު ދައްކަން ޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ސޫރިޔާގެ އަހުލީ ހަނގުރާމާގައި މިހާތަނަށް 250،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އޭގެ ތެރެއިން ގިނަ ބަޔަކު މަރުވެފައި ވަނީ ސަރުކާރު ސިފައިންގެ ހަމަލާތަކުގަ އެވެ.