މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ގައުމީ ފެންވަރުގެ އާ ބާސްކެޓްބޯޅަ މުބާރާތެއް ބޭއްވުމަށް އިޢުލާންކޮށްފިއެވެ.

'އެމްބީއޭ ކަޕް' ގެ ނަމުގައި ތިން ޑިވިޝަނަކަށް ބަހާލައިގެން ބާއްވާ މިމުބާރާތަށް ކުރިމަތި ލުމުގެ ފުރުޞަތު ބާސްކެޓް ބޯލް އެސޯސިއޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.

މިކަމާ ބެހޭގޮތުން އެމްބީއޭއިން ޢާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެއްވަނަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަން ހިމެނޭ މިމުބާރާތަށް ޓީމުތައް ބައިވެރިވުމުގެ އެންމެފަހު ތާރީޚަކީ މި އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އޮފިސް ބަންދުވުމުގެ ކުރިން ކަމަށެވެ.

އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ކުޅުންތެރިންގެ ލިސްޓު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ މެއި މަހުގެ ފަސް ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

މިމުބާރާތާ ބެހޭގޮތުން އެމްބީއޭގެ ރައީސް އަހްމަދު ހާފިޒު މިއަދު ސަންއަށް ވިދާޅުވީ، އަލަށް ފަށާ މި މުބާރާތަކީ، ކްލަބުތަކުން އެދިގެން އިންތިޒާމު ކުރާ މުބާރާތެއް ކަމަށެވެ. މިމުބާރާތުގެ ސަބަބުން ޓީމުތަކަށާއި ބާސްކެޓް ކުޅުންތެރިންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ހާފިޒް ވިދާޅުވިއެވެ.