ތ. އޮމަދޫ ކައުންސިލްގެ ރައީސް އާއި ޒިންމާދާރު ވެރިޔާ، މޯލްޑިވްސް ޑިވެލޮޕްމަންޓު އެލައެންސް (އެމްޑީއޭ) އަށް މިއަދު ސޮއިކޮށްފިއެވެ.

އޮމަދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒުމީލް މިއަދު ސަން އަށް ވިދާޅުވީ އޭނާ އާއި އެ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަލީ ސަލީމް މިއަދު އެމްޑީއޭއަށް ސޮއިކޮށްފައިވާ ކަމަށެވެ. އެ ދެބޭފުޅުން އެމްޑީއޭއަށް ސޮއިކުރެއްވީ، މިހާރު އެންމެ ރަނގަޅަށް މަސައްކަތްކުރާ ޕާޓީއަކީ އެމްޑީއޭ ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ގައުމީ މަސްލަހަތު ކުރިޔަށް ނެރެގެން ރައްޔިތުންގެ ހެވާއި ލާބަ އަށް ވިސްނައިގެން އެމްޑީއޭ އިން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތ. އޮމަދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ ޒިންމާދާރު ވެރިޔާ، އެމްޑީއޭއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އެމްޑީއޭ

"އަޅުގަނޑުމެންނަށް ކުރިމަގެއް އޮތީ އެމްޑީއޭއަށް ގުޅިގެން ކަމަށް ފެންނާތީ އެޕާޓީއަށް ސޮއިކުރީ،" އަޒުމީލް ވިދާޅުވިއެވެ.

ތ. އޮމަދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ ޒިންމާދާރު ވެރިޔާ، އެމްޑީއޭއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އެމްޑީއޭ

އޭނާ ވިދާޅުވީ މިހާތަނަށް އެރަށުގެ ތަރައްގީ ހުއްޓިފައި އޮތްނަމަވެސް، އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ނުފެށިވާ ތަރައްގީގެ މަޝްރޫއުތައް ސަރުކާރު ކޯލިޝަންގެ އެއްބާރުލުމާ އެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމްޑީއޭ އިން ދީފައިވާ ކަމަށެވެ. އަދި އެރަށު ރައްޔިތުން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޕާޓީއަކާ ގުޅިގެން ކުރިއަށް ދިޔުމަށް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަޒުމީލް އަކީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކައުންސިލަށް އިންތިހާބްވި ބޭފުޅެކެވެ. ނަމަވެސް އެމްޑީއޭއަށް ސޮއިކުރެއްވިއިރު އޭނާ ހުންނެވީ އަދާލަތު ޕާޓީގައެވެ.

ޒިންމާދާރުވެރިޔާ ސަލީމް އަކީ ކުރިން އެއްވެސް ޕާޓީއެއްގެ މެމްބަރެއް ނޫނެވެ.

މިދެބޭފުޅުން އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ބެއްވި ރަސްމިއްޔާތުގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރީފާއި އެމްޑީއޭ ގެ ގައުމީ ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ.