ސައިހޮޓޯ ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުން ހިދުމަތް ދިނުމަށް ނަގަން ޖެހޭ ސާފުތާހިރުކަމުގެ ސެޓްފިކެޓްގެ ބަދަލުގައި އައު ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހެލްތު މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނަނީ މީގެ ކުރިން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ސައިހޮޓޯ ކެފޭ އަދި ރެސްޓޯރަންޑްތަކަށް ދެމުން އައި "ސާފުތާހިރު ކަމުގެ ސެޓްފިކެޓްގެ" ބަދަލުގައި މި މަހުގެ 15 އިން ފެށިގެން ނަގަން ޖެހޭނީ "ކާބޯތަކެތި އުފައްދާ، ތައްޔާރުކޮށް ވިއްކުމުގެ ހުއްދަ" ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިހާރު ދޫކޮށްފައިވާ ހުއްދަތައް މި މަހުގެ 15 އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ބަދަލުކުރަން ޖެހޭނެ ކަމަށާއި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ބަންދުކުރުމުގެ ބާރު ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިގެންވާ ކަމަށެވެ.

"ކާބޯތަކެތި އުފައްދާ، ތައްޔާރުކޮށް ވިއްކުމުގެ ހުއްދަ" ނުނަގައި ސައިހޮޓޯ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ހިންގުމަކީ އޮގަސްޓް 15 އިން ފެށިގެން މަނާކަމެއް ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.