(ދަ އިންޑިޕެންޑެންޓް) - އާދަޔާ ހިލާފު ބާރުތަކެއް ލިބިގެންވާ އާއިލާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކޮމްޕިއުޓާ އެނިމޭޓެޑް ކޮމެޑީ ސުޕަހީރޯ ފިލްމު، "ދަ އިންކުރެޑިބަލްސް"ގެ ދެ ވަނަ ފިލުމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑައިރެކްޓަރު ބްރަޑް ބާޑް ބުނެފި އެވެ.

އެމެރިކާގެ މަޝްހޫރު ކޮމްޕިއުޓަރު އެނިމޭޝަން ފިލްމް ސްޓޫޑިއޯ އެއް ކަމަށްވާ ފިކްސާ އިން ޕްރޮޑިއުސްކޮށް ވޯލްޓް ޑިޒްނީ ޕިކްޗާސް އިން 2004 ވަނަ އަހަރު ރިލީޒްކުރި "ދަ އިންކްރެޑިބަލްސް" ގެ ފުރަތަމަ ފިލްމު ވެސް ޑައިރެކްޓަރު ކޮށްފައިވާ ބާޑް ބުނެފައިވަނީ، އެ ކާޓޫނުގެ ދެ ވަނަ ފިލްމެއްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް އޭނާ ފަށާފައިވާ ކަމަށެވެ.

"އަހަރެން މިފަށަނީ ފިލްމު ލިޔަން. ދެން ވާނެ ގޮތެއް ބަލަންތިބޭނީ،" އެމެރިކާގެ ނެޝަނަލް ޕަބްލިކް ރޭޑިއޯ (އެންޕީއާރު) އަށް ބްރަޑް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަގުވިޔަފާރީގެ މައްސަލަ އެވެ.

"މިހާރަކަށް އައިސް ކޮންމެ މީހެއްގެ އަތުގައި ވެސް ފިލްމެއް ހަލާކުކޮށްލެވޭނެ ވަރުގެ ޑިވައިސް އެއް އޮވޭ. އެހެންކަމުން މިހާރަކަށް އައިސް މިކަން ކުރަން ވަރަށް އުދަނގޫ،" ބާޑް ބުންޏެވެ.

"ދަ އިންކްރެޑިބަލްސް"ގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފަށާފައިވާ ކަން ބްރަޑް ކަށަވަރުކޮށް ދީފައިވާ އިރު، ޑިޒްނީން ވެސް ވަނީ އެ ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަން މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އޭގެ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ "ދަ އިންކްރެޑިބަލްސް" އަށް މިހާތަނަށް މުޅި ދުނިޔެއިން 630 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި އެ ފިލްމު ވަނީ 2005 ވަނަ އަހަރުގެ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އެނިމޭޓެޑް ފީޗާގެ އެވޯޑު ލިބިފަ އެވެ.