15 Apr 2015, 14:03
ދެކުނު އެފްރިކާގައި އޮތް ނަސްލީ ތަފާތު ކުރުންތައް ނައްތައިލިތާ އެތައް އަހަރެއްގެ ފަހުން، އެތަނުގެ ދޮން މީހުންނަށް ވަކި ގައުމެއް އުފައްދަން ބޭނުންވެގެން ބަޔަކު މަސައްކަތް ފަށައިފި އެވެ.
ޑޮކިއުމެންޓްރީ އުފައްދާ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ޖޯނީމޭން ޕިކްޗާސް އިން ވަނީ ދެކުނު އެފްރިކާގެ އެފްރިކާނާ ނަސްލުގެ ދޮން މީހުން އެމީހުންނަށް ވަކި ގައުމެއް އުފައްދަން ކުރާ މަސައްކަތާ ބެހޭ ޑޮކިއުމެންޓްރީ ފިލްމެއް އާއްމުކޮށްފަ އެވެ. "ސައުތު އެފްރިކާ-ފާދާ ލޭންޑް"ގެ ނަމުގައި ހޯމަ ދުވަހު އާއްމުކުރި އެފިލްމުގައި ދައްކައިދީފައި ވަނީ ދެކުނު އެފްރިކާގައި އެގައުމުގެ ބައި ގިނަ ކަޅު ނަސްލުގެ މީހުންނަށް އިހާނެތިކޮށް ހިތި ދުވަސްވަރުގެ ވިސްނުން ޅަކުދިންގައި އަށަގަންނަވަން ކުރާ މަސައްކަތްތަތެކެވެ.

އެފްރިކާނާ ރެސިސްޓެންސް މޫމެންޓްގެ ކޭމްޕެއްގައި ޒުވާނުން ތަމްރީނު ކުރަނީ.
"އެފްރިކާނާ ރެސިސްޓެންސް މޫމެންޓް"ގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތަކުން ކުރާ އެ މަސައްކަތުގައި އަސްކަރީ ތަމްރީނުދޭ ކޭމްޕްތައް ފަދަ ކޭމްޕަތައް ހަދައި، އެތަންތަނުގައި ކުދިން ތަމްރީނު ކުރަމުން އަންނަ ކަން ފިލްމުން އެނގެ އެވެ. އެގޮތުން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި އެމީހުން ވަނީ 2000 އަށް ވުރެ ގިނަ ކުދިން ތަމްރީނު ކޮށްފަ އެވެ. ކުދިން ތަމްރީ ކުރާ ކޭމްޕްތަކުގެ ދުވާލު އޮންނަނީ އަމިއްލަ ސަލާމަތަށް ކަމަށް ބުނެ، ދޭ އަސްކަރީ ތަމްރީނު ތަކެވެ. އަދި ރޭގަނޑު އޮންނަނީ ފިކުރީ ގޮތުން ތަމްރީނު ކުރުމަށް ޓަކައި ތަގުރީރުތައް ދިނުމެވެ.
އެހަރަކާތުގެ އިސް މޭސްތިރިއަކަށް އުޅެނީ ނަސްލީ ތަފާތުކުރުމުގެ ދުވަސްވަރު ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތް ކުރި ކާނަލް ޖޫސްޓީ ނަމަކަށް ކިޔާ މީހެކެވެ.

އެފްރިކާނާ ރެސިސްޓެންސް މޫމެންޓްގެ ކޭމްޕެއްގައި ޒުވާނުން ތަމްރީނު ކުރަނީ.
"... ދެކުނު އެފްރިކާގައި ދަނީ ލޭ އޮހޮރެމުން. އެހެންވީމާ އަހަރެމެންނަށް ޖެހެނީ އަހަރެމެންގެ މީހުން އެކަމަށް ތައްޔާރު ކުރަން." ޑޮކިއުމެންޓްރީއަށް ދިން އިންޓަވިއުގައި އޭނާ ބުނެފައި ވެއެވެ.