15 Apr 2015, 14:06
އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ވިމެންސް ޗެންޕިއަންޝިޕް 2015"ގައި ބައިވެރި ވުމުގެ ފުރުސަތު އެފްއޭއެމުން މިއަދު ހުޅުވާލާފި އެވެ.
މިދިޔަ އަހަރު ވެސް އެފްއޭއެމުން ކުރިއަށް ގެންދިޔަ ވިމެންސް ޗެންޕިއަންޝިޕް މި އަހަރު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 24 ގަ އެވެ. އަދި އެ މުބާރާތުކުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރި ވުމަށް ވަނީ ހުޅުވާލާފަ އެވެ.
ވިމެންސް ޗެންޕިއަންޝިޕް 2015ގައި ބައިވެރިވާން އެދޭ ފޯމް އެފްއޭއެމް ހައުސްއިން މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ. ފޯމް ދޫކުރަން ހަމަޖެހިފައި ވަނީ ހެނދުނު 9:30 އިން ފެށިގެންނާއި މެންދުރު ފަހު 15:30 ގައެވެ.
ވިމެންސް ޗެންޕިއަންޝިޕް 2015 ގައި ބައިވެރިވާން އެދޭ ފަރާތްތައް ފޯމް ފުރުމަށްފަހު، އެފްއޭއެމަށް ފޯމު ހުޅަހަޅަން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ އޭޕްރިލް 30 ގެ 14:30 ހެވެ.
މިދިޔަ ދެ އަހަރު ވެސް އެފްއޭއެމުން ވިމެންސް ޗެންޕިއަންޝިޕް ބާއްވާފައިވާ އިރު، މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް މުބާޜާތުގެ ޗެންޕިއަންކަން ހޯދީ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބެވެ. މިދިޔަ އަހަރު އެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ވާދަކޮށްފަ އެވެ.