ތާޅަފިލި ދުންމާރި އަދި އެނޫންވެސް މަޖިލީހުގެ ބޭނުމަށް ނޫންގޮތަކަށް މަޖިލީހުގެ ތަޅުމަށް ތަކެތި ނުވެއްދޭ ގޮތަށް ގާނޫނު ފާސްކުރަން ނިންމައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތާޅަފިލި، ދުންމާރި، އަދިވެސް އަޑުގަދަ ކުރުމަށް ބޭނުން ކުރާ ސާމާނު މަޖިލީހުގެ ތަޅުމަށް ވައްދައި، މަޖިލީހުގެ ޖަލްސާތަށް ކުރިއަށް ގެންދިއަ ނުދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު މިއަދު 'ސަން' އަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ތާޅަ ފިލި ދުންމާރި ފަދަ ތަކެތި ނުވެއްދޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

" މިހާރުގެ ގާނޫނުގެ ދަށުންވެސް މަނާ އެކަމަކު، ވަކި ވަކިން ނަން ކަނޑައަޅައި، އެތަކެތި ނުވެއްދޭ ގޮތަށް ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ގާނޫނަށް ބަދަލުގެނެސް އެތަކެތި ވެއްދުން މަނާކޮށްގެން މެނުވީ މަޖިލީހުގެ ޖަލްސާތަށް ރަގަޅަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މިއަހަރަށް މަޖިލިސް ހުޅުވުނު ދުވަހުން ފެށިގެން ޖަލްސާ އޮއްނަ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން ދަނީ މަޖިލީހުގައި ތާޅަފިލި، ދުންމާރި އަދި އަޑުގަދަކުރާ ބޭނުންކޮށްގެން އިހުތިޖާޖު ކުރަމުންނެވެ. އަދި އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަށް ގުޅިގެން ކުރިއަށްގެންދާ އަނިޔާވެރިކަމާއި ދެކޮޅު ހަރަކާތްތަށް މަޖިލީހުގައިވެސް ދަނީ ކުރިއަށްގެންދަމުންނެވެ.