އަނިޔާގެ ސަބަބުން ކުޅުން ހުއްޓާލަފައިވާ ބާސެލޯނާގެ ކުރީގެ ސެންޓްރަލް ޑިފެންޑަރު ކާލްސް ޕުޔޯލްގެ ކުރިމަގާ މެދު އޭނާވެސް ސުވާލު އުފައްދައިފިއެވެ.

ސްޕެއިން 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ސްޕޭންގެ މައި ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރި ޕުޔޮލް ބުނީ ކޯޗިން ކެރިއަރު ފާށާނީތޯ ނުވަތަ އަލުން ކުޅެން ފަށާނީތޯއާއި މެދުވެސް އެއްޗެއް ބުނަންނޭނގޭ ކަމަށެވެ.

"މިވަގުތު އަހަރެން ސަމާލުކަމެއް ދެނީ އަހަރެންގެ ކަކޫ، ރަނގަޅު ކޮންޑިޝަނަކަށް ގެނައުމަށް،" ކަކުލަށް ތަކުރާރުކޮށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅުން ހުއްޓައިލަން ޖެހުނު ކުޅުންތެރިޔާ ބުންޏެވެ.

ކަކުލަށް ލިބިފައިވާ އަނިޔާއާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޕުޔޮލް ބުނީ އަނިޔާ މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި މީގެކުރިން ސިޑިންވެސް ނޭރޭ ކަމަށާއި ނަމަވެސް މިހާރު އިންޖަރީގެ ރިކަވަމެންޓަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބާސެލޯނާއާއި ޕީއެސްޖީ ކުޅޭ މެޗާ ބެހޭ ގޮތުން ޕުޔޮލް ބުނީ މިސްޓޭޖުގައި ފުޓްބޯޅައިގައި އިދިކޮޅަށް ނިކުންނަ އެއްވެސް ޓީމަކީ ފަސޭހަ ޓީމެއް ނޫންކަމަށެވެ. ނަމަވެސް ޕީއެސްޖީ ބަލިކުރުމުގެ ހިތްވަރު ބާސެލޯނާގެ ކިބައިގައި އެބަހުރިކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ފާހަގަ ކުރި އެނާގެ އުފަން ދުވަހާއި ގުޅިގެން ދިން އިންޓަވިއު ނިންމާލަމުން ޕުޔޮލް ބުނީ ބާސެލޯނާގެ ތަރި ލިޔަނޮލް މެސީ ހުއްޓުވުމަކީ އުނދަގޫ ކަމެއްކަމަށާއި މިވާހަކަ މިދައްކަނީ ޕްރެކްޓިސްގައި މެސީގެ ފަރާތުން ފެންނަ ކަންތައްތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ.