ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗް އާމިރު އަލަގިޗް މަގާމުން ވަކިވުމަށް ފަހު، އެ ކްލަބްގެ އެކަޑަމީ ކޯޗް ސޮބާހު މުހައްމަދާއެކު ނިއުރޭޑިއެންޓް މިއަދު މިޔަންމާގެ އަޔެވާދީ ޔުނައިޓަޑާ ދެކޮޅަށް އެ ގައުމުގައި ނުކުންނައިރު، އެ މެޗުގައި އަލީ ފާސިރު (ސެންޓޭ) ކުޅޭނެ ކަމަށް ނިއުއިން ބުނެފިއެވެ.

ނިއުއިން މީގެ ކުރިން ބުނެފައި ވަނީ ސެންޓޭ ކުޅޭނީ ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ މެޗުގައި ކަމަށެވެ. ނަމަވެސް މިއަދު އެ ކްލަބުން ވަނީ ސެންޓޭ އަޔެވާދީ މެޗުގެ ފުރަތަމަ 11 އިން ނުފެނުނަސް، ދެވަނަ ހާފްގައި އޭނާ ކުޅެން އަރުވަން ވިސްނާފައި ވާކަމަށް ބުނެފައެވެ.

ފަޔަށް ލިބުނު އަނިޔާއަކަށް ފަހު މި އަހަރުގެ ޖެނުއަރީގައި ކަރެކްޓިވް ސާޖަރީ ހެދި ސެންޓޭއަށް ވަނީ ޕީޕަލްސް ކަޕާއި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ އިތުރުން، އޭއެފްސީ ކަޕްގައި ނިއު ކުޅުނު ފުރަތަމަ ތިން މެޗުވެސް ގެއްލިފައެވެ. ނަމަވެސް މަހެއްހާ ދުވަސް ކުރިން އޭނާ ލުއި ތަމްރީތަކެއް ފަށާފައި ވާއިރު، މިޔަންމާއަށް ނިއު ކުރި ދަތުރުގެ ކުރިން ބޭއްވި ފަހު ތަމްރީނުތަކުގައިވެސް އޭނާ ވަނީ ބައިވެރި ވެފައެވެ.

މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން، އާއިލީ ސަބަބުތަކާ ހުރެ މި ހަފްތާގެ ކުރީކޮޅު ނިއުގެ ހެޑް ކޯޗް އާމިރު އަލަގިޗް ކޯޗުކަން ދޫކޮށްލާފައި ވާއިރު، އޭނާގެ ބަދަލުގައި އަޔެވާދީ މެޗަށް ނިއުއަށް އިރުޝާދުދޭނީ ކްލަބުގެ އެކެޑެމީ ކޯޗު ސޮބާއެވެ. ސޮބާ ވަނީ، އޭއެފްސީ ކަޕްގައި މިދިޔަ މަހުގެ 11 ގައި ލާއޮސްގެ ލާއޯ ޓޮޔޯޓާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރަން ނިއުއަށް އެހީވެފައެވެ.

މި އަހަރުތެރޭ ނިއު ކުޅުނު އޮފިޝަލް ހަތް މެޗުގެ ތެރެއިން، ނިއުއަށް ކާމިޔާބު ކުރެވުނު ހަމައެކަނި މެޗަކީ ލާއޯ ޓޮޔޯޓާއާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެ ކުރިން ޕީޕަލްސް ކަޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ އަނެއް ދެ މެޗުން ބަލިވިއިރު، އޭއެފްސީ ކަޕްގެ ދެ މެޗުންނާއި ޗެރިޓީ ޝީލްޑް މެޗުންވެސް ނިއު ވަނީ ބަލިވެފައެވެ.

އަޔެވާދީއާ ދެކޮޅަށް އޭއެފްސީ ކަޕްގައި މާލޭގާއި އެންމެ ފަހުން ނިއު ކުޅުނު މެޗުން އެ ޓީމް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އެ ޓީމް ތިން ޕޮއިންޓާއެކު މިހާރު ގްރޫޕް 'އެޗް' ތާވަލްގެ ތިންވަނައިގައި އޮތްއިރު، އަޔެވާދީ ވަނީ ކުޅުނު ތިން މެޗުން ދެ މެޗު އެއްވަރުވެ، އެއް މެޗު ކާމިޔާބު ކުރުމަށް ފަހު ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. އެހެން ކަމުން މިއަދުގެ މެޗަކީ ކާމިޔާބު ކުރަން ކޮންމެހެންވެސް މުހިންމު މެޗެއް ކަމަށް ނިއުއާއެކު މިޔަންމާގައި ހުރި އެޓީމުގެ އޮފިޝަލް ހަސަން ހަމީދު (ޑަކޭ) ވަނީ ބުނެފައެވެ.

"ދެވަނަ ބުރަށް ދަތުރުކުރަން ބޭނުން ނަމަ، މިއަދުގެ މެޗަކީ ކާމިޔާބު ކުރުން ވަރަށް މުހިންމު މެޗެއް. ނިއު ނިކުންނާނީ މި މެޗުން ކާމިޔާބީއެއް ހޯދަން. ޓީމުގައި އިންޖަރީގެ އެއްވެސް މައްސަލައެއް ނޫޅޭ، އެހެން ކަމުން މި މެޗަށް ވަރަށް ރެޑީ،" ޑަކޭ ބުންޏެވެ.