23 Feb 2011, 10:23
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަންގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓާ އާދަމް ނަސީރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާ ޖެނެރަލް އޮފް ޝިޕންގެ މަގާމަށް ބަދަލުކުރައްވައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަކުރުމަށް އުޒުރުވެރިވެ މިއަދު ވިދާޅުވީ، އާދަމް ނަސީރަށް މާގާމުގެ ޗިޓު މިއަދު ފޮނުއްވައިފައިވާ ކަމަށާއި ނަމަވެސް އަދި އޭނާ އަށް ޗިޓު ރައްދު ކުރެވުނުކަން ކަށަވަރު ނުވާ ކަމަށެވެ.
އާދަމް ނަސީރު ބަދަލުކުރެއްވި ރަޖިސްޓްރާ ޖެނެރަލް އޮފް ޝިޕިންގެ މަގާމަކީ މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފައިވާ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓުގެ މައްސަލަ ފުރަތަމަ ފެންމަތިކޮށްފައި ވަނީ އާދަމް ނަސީރެވެ. އެ ޕްރޮޖެކްޓްގެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވައިފައި ވަނީ ވެސް އާދަމް ނަސީރެވެ. އަދި ބޯޑާ ކޮންޓްރޯލް މައްސަލައިގައި އާދަމް ނަސީރާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާއަކަށް ހުންނެވި އިލްޔާސް ހުސެއިން އިބްރާހިމްއާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލަތަކެއް ބަދަލުކުރައްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އިލްޔާސް ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވައިފަ އެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ކުރިން ހައުސިންގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޝާހިދު ހަމަޖައްސަވައިފަ އެވެ.