16 Apr 2015, 09:43
ޗެރީއާ ގާތްގަނޑަކަށް އެއްގޮތަކަށް ހުންނަ، މީރު ރަހައެއްދޭ މޭވާއެއް ކަމަށްވާ ޖޭމަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭނެ މޭވާއެއްކަމަށް ގަބޫލުކުރަނީ ކާކުހެއްޔެެވެ؟ އެހެންނަމަވެސް ދިވެހިންގެ ތެރޭގައި މީގެ ކުރިންވެސް އަދި މިހާރުވެސް ވަރަށް ގިނަ އަދަދަކަށް ހެދޭ އަދި އާންމުކޮށް މީހުން ކައި އުޅޭ ޖޭމަކީ ސިއްހީ ގިނަ ފައިދާތަކެއް ލިބޭ އެއްޗެއް ކަމަށް ތަޖްރިބާކާރުން ބުނެއެވެ.
ޖޭމު ގަހުގެ ފަތަކީ ސައި ތައްޔާރުކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ޖޭމުފަތުން ތައްޔާރު ކުރާ ސައި ބުއިމުން ގައިގެ ރިހުންތަށް ކެނޑި ރިހުން އުފެދުމަށް މެދުވެރިވާ ކަންކަމުން ރައްކާތެރިވާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ހަމައެއާއެކު ޖޭމު ފަތުން ތައްޔާރުކުރާ ސައިން ލޭގެ ޕްރެޝަރު ދައްކޮށްދީ ލޭގެ ހިނގުން ހަމަޔަކަށް އެޅި ލޭ އިތުރުކޮށްދެއެވެ. އަދި ޖޭމަކީވެސް ލޭގެ ޕްރެޝަރު ދައްކޮށްދޭ އެއްޗެކެވެ.
- ޖޭމު މަލުން ސިއްހީ ފައިދާތަކެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ޖޭމުގެ މަލަކީވެސް ސިއްހީ ފައިދާ ލިބޭ އެއްޗެކެވެ. އެގޮތުން ޖޭމު ގަހުގެ މާ ހޫނުފެނުން ކެއްކުމަށް ފަހު އެއިން ސައި ހަދައިގެން ބުއިމުން ބަނޑުގައި ރިހުން ފަދަ އާދައިގެ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ.

ޖޭމު -- ސަންފޮޓޯ -- ފާތިމަތު ސައީދު
ހުޅުހުޅުގައި ރިއްސުމުގެ ފަރުވާއަކަށް ޒަމާނުއްސުރެ ގިނަ ގައުމުތަކުގައި ޖޭމު ކައި އުޅެއެވެ. އެގޮތުން ހުޅުހުޅުގައި ރިއްސާނަމަ ދުވާލަަކު ތިން އިރު އިރަކު ނުވައެއް ނުވަތަ 12 ޖޭމު ކެއުމަކީ ގިނަ ގައުމުތަކުގައި ކަން ކުރަމުން އަންނަ އުސޫލެއް ކަމަށްވެއެވެ.
މީގެ އިތުރުންވެސް ޖޭމު ގަހުގެ ފަތާއި، މާ އަދި ޖޭމަކީ ވެސް ތަފާތު ގިނަ ސިއްހީ ފައިދާތަކެއް ލިބޭ އެއްޗެކެވެ. އެގޮތުން އާންމުކޮށް ޖެހޭ ބަލިތައް ކަމަށްވާ ބޮލުގައި ރިއްސުން ހުން އައުން އަދި ތަދުތަކަށް ޖޭމު ފަތުގެ ސައިން ހައްލު ލިބިގެންދާއިރު، މިހާރު ރާއްޖޭގައި ވެސް އަދި އެހެނިހެން ގައުމުގައިވެސް އެންމެ ނުރައްކާތެރި އެއްބަލިކަމަށްވާ ކެންސަރުން ރައްކާތެރިވުމަށް މުސްތަގުބަލަށްޓަކައި ޖޭމު ކެއުން މުހިންމެވެ.