މިދިޔަ އަހަރުގެ މާޗް މަހާ އަޅައިބަލާއިރު މި އަހަރު މާޗް މަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު 90 ޕަސެންޓް އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މާޗް މަހު ރާއްޖެއިން 212.5 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު އެއީ 90 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން އެކްސްޕޯޓް ކޮށްފައިވަނީ 111.7 މިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓުގެ ތަފްސީލުތަކަށް ބަލާއިރު އެކްސްޕޯޓް މިންވަރު އިތުރުވެފައިވަނީ މަސް އިމްޕޯޓްކުރި މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. މިދިޔަ މަހު ރީނދޫއުރަހަ ކަންނެލީގެ ގޮތުގައި 49.7 މިލިއަން ރުފިޔާގެ ކަންނެލި ރާއްޖޭން އެކްސްޕޯޓްކޮށްފައިވާއިރު ކަނޑާފައިހުރި މަހުގެ ގޮތުގައި 31.9 މިލިއަން ރުފިޔާގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.

އިމްޕޯޓަށް ބަލާއިރު މިދިޔަ މާޗް މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު ވަނީ ދެ ޕަސެންޓް ދަށަށް ގޮސްފައެވެ. އެ މުއްދަތުގައި އެތެރެކޮށްފައި ވަނީ 2560.8 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި އެތެރެކޮށްފައިވަނީ 2599.9 މިލިއަން ރުފިޔާގެ މުދަލެވެ.

މާޗް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 552.5 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައެވެ. އަދި ދުންފަތާއި ރަލުގެ އިތުރުން އޫރު މަހުގެ ބައިން 95.9 މިލިއަން ރުފިޔާގެ ތަކެތި ވަނީ އެތެރެކޮށްފައެވެ. އަދި ދުއްވާ އުޅަނދާއި އެތަކެތީގެ ސްޕެއަރ ޕާޓްސްގެ ގޮތުގައި 91.6 މިލިއަން ރުފިޔާގެ ތަކެތި ވަނީ އެތެރެކޮށްފައެވެ.