15 Apr 2015, 12:32
އަތޮޅުތަކުގައި ހުރި 137 އަށް ވުރެ ގިނަ މައްސަލަތައް ބަލަން އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ޓީމްތައް ފޮނުވައިފި އެވެ.
އެކޮމިޝަނުން މިއަދު ބުނީ ހަތަރު އަތޮޅަކަށް ދަތުރުކުރުމަށް ތިން ޓީމެއް ހޯމަ ދުވަހު ފުރާފައިވާ ކަމަށެވެ. އެޓީމުތައް ހަރަކާތްތެރިވާނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅުގަ އެވެ. އެހެން ދެޓީމެއް މި މަހުގެ 18 ވަނަ ދުވަހު ފުރާނެ ކަމަށާއި އެޓީމުތައް ދަތުރުކުރާނީ އދ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީ އިން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެ ޕްލޭނަށް އަމަލުކުރަން ފަށާފައެވެ. ޕްލޭނަށް އަމަލުކުރަން ފެށުމުގެ ގޮތުން މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކްޝަން ޕްލޭންް އެކުލަވައިލުމަކީ އޭސީސީގެ މުވައްޒިފުން ކުރި ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެ ޕްލޭނުން ހާސިލް ކުރަންވީ ކަންތައްތައް އެ ކޮމިޝަންގެ މުވައްޒަފުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.