ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި އިޓަލީގެ ޔުވެންޓަސްއާއި ފްރާންސްގެ މޮނާކޯ ބައްދަލުކުރި މެޗް 1-0 ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އެޓީމުގެ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަރުޓޯ ވިޑާލްއެވެ. މިއީ ޖެނުއަރީ 11 ފަހުން ވިޑާލް ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

ދެޓީމުންވެސް ގިނަ ޙަމަލާތަކެއް އުފެއްދިއިރު މެޗްގެ ނަތީޖާ ފުޅާކުރުމަށް ޔުވެންޓަސްގެ ކާލޯސް ޓެވޭޒްއަށާއި އަލްވާރޯ މާރޯޓައަށް ރަނގަޅު ފުރުޞަތު ތަކެއް ލިބިގެން ދިޔައެވެ.

ޔުވެސްޓަސްއާއި މޮނާކޯ ބައްދަލުކުރި މެޗްގެ ތެރެއިން -- ފޮޓޯ/ އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އަލެގްރީ ބުނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅެއް ލިބުމަކީ އެޑްވާންޓޭޖެއް ކަމަށާއި މެޗްގައި މުޅި މޮނާކޯގެ ޓީމް އޮތީ ވަރަށް އޯގަނައިޒްކޮށް ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަވަމުން މޮނާކޯގެ ކޯޗް ލިއަނާޑޯ ޖާޑިމްވަނީ ޔުވެންޓަސްއަށް ދިން ޕެނަލްޓީއާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ޖާޑިމްބުނީ މެޗްގައި ދިން ޕެނަލްޓީގެ ސަބަބުން މެޗްގެ ނާތީޖާ އިންސާފުވެރި ނޫންކަމަށެވެ.

މިޕެނަލްޓީއަކީ މޮނާކޯގެ ޑިފެންޑަރު ރިކާޑޯ ކަވާލިއޯ، މޮނާކޯގެ ފޯވަޑް އަލްވާރޯ މޮރޯޓާއަށް ޕެނަލްޓީ އޭރިއާ ތެރެއިންކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ނަމަވެސް މޮނާކޯގެ ކުޅުންތެރިން ވަނީ ފައުލްކުރީ ޕެނަލްޓީ އޭރިއާގެ ބޭރުން ކަމަށްބުނެ ރެފްރީ ގާތު ޝަކުވާ ކޮށްފައެވެ.

ޔުވެންޓަސްއަށް ލިބުނު ޕެނަލްޓީ ވިޑާލް ފޮނުވާލަނީ -- ފޮޓޯ: އޭޕީ

މިމެޗުން މޮޅުވުމުން 2003 ވަނަ އަހަރުގެ ފަހުން ޔުވެންޓަސްވަނީ ފުރަތަމަ ފަހަރަށް ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ދެވަނަ ލެގުގައި ޔުވެންޓަސްއާ މޮނާކޯ ބައްދަލުކުރާާ މެޗު ކުޅޭނީ މިމަހުގެ 22ގައެވެ.