15 Apr 2015, 13:21
ރާއްޖެ އިން ސީރިއާ އަށް ޖިހާދަށް ދާ ގިނަ މީހުން 'ރެކްރޫޓް' ކުރަނީ ޖަލުގައި ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފި އެވެ.
ދިވެހިން ސީރިއަށް ހަނގުރާމައަށްދާ ސަބަބު ހޯދުމަށް އެ ނޫހުން ވަނީ ރާއްޖެ އައިސް އިންޓަވިއުތަކެއް ކޮށްފަ އެވެ.
އެ ނޫހުން އިއްޔެ ބުނި ގޮތުގައި ރާއްޖޭގެ ދީނީ ޖަމްއިއްޔާތަކުން ޖަލުގައި ހަރަކާތްތެރިވެ އެވެ. އަދި ރާއްޖޭގެ މައްޝޫރު ދީނީ އިލްމުވެރިން ހިންގާ ބައެއް އިސްލާމީ ޖަމްއިއްޔާތަކުން ޖިހާދަށް މީހުން ފޮނުވާ ކަމަށް އެ ނޫހުން ތުހުމަތު ކުރެ އެވެ. އަދި ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުން ސީރިއާއަށް ހަނގުރާމައަށް ގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނަކީ މާލޭގެ ގޭންގްތަކުގެ މީހުން ކަމަށް އެ ނޫހުން ބުނެ އެވެ.
ހަނގުރާމަ އަށް ދާ ގިނަ މީހުންނަކީ ޑްރަގް ބޭނުންކުުރުމުގެ ރެކޯޑް އޮންނަ މީހުން ކަަމަށް ވެސް އެ ނޫހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ސީރިއާގައި ހަނގުރާމަ ކުރިނިކޮށް ނިޔާވެފައިވާ ޝިފާޒީގެ ބައްޕަ ބުނި ކަމަށް އިންޑިއަން އެކްސްޕްރެސްގައި ވަނީ "އޭނާ ބޭނުންވީ އިސްލާމްދީނަށް ޓަކައި ހަނގުރާމަކޮށް މަރުވާން، އަހަރެން އޭނަ އަށްޓަކައި ފަޚުރުވެރިވާ" ކަމަށެވެ.
ޝިފާޒީގެ ރައްޓެހިންނާ ހަވާލާދީ އެ ނޫހުން ބުނީ ޝިފާޒީ އަކީ މިއުޒިކަށް ލޯބި ކުރި މީހެއް ކަމަށާއި އަދި އަލީ އަޝްފާގަށް ވަަރަށް ސަޕޯޓް ކުރާ ކަަމަށް ވެސް ޝިފާޒީގެ ރައްޓެހިން ބުނި ކަަމަށް މި ނޫހުގައިވެ އެވެ.
ހަރުކަށި ޚިޔާލުގެ ވިސްނުން ރާއްޖޭގައި ފުޅާވާން ފެށީ 2004 ވަނަ އަހަރު ސުނާމީ އަށް ފަހު ކަމަށް އެ ނޫހުން ބުނެ އެވެ. އަދި ރާއްޖޭގެ ބައެއް މީހުންނާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ އެ އަށް ފަހު ފިރިހެނުން ތުބުޅި ދިގު ކުރަންފަށައި ފަގުޑި އަޅަން ފެށި ކަމާއި އަދި ބަކަރި އެތެރެކޮށް ބަކަރި ހުއިހައްޕަން ފެށި ކަމަށެވެ.
މޭލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޖިހާދަށް ގޮވާލާ ސީރިޔާގެ ހަނގުރާމާގައި ބައިވެރިވާން ހިތްވަރުދޭ ފަދަ ލިޔުންތައް ފެނިފައިވާ ކަމަށް އެ ނޫހުންބުނެ އެވެ.
އެ ނޫހަށް ދިން އިންޓަވިއުއެއްގައި ފުލުހުންގެ އިންޓަލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު ) ވިދާޅުވީ މިއީ މި ސަރަހައްދުގެ ސަލާމަތަށް ކުރިމަތިވެފައި އޮތް އެއްމެ ބޮޑު ނުރައްކާ ކަަމަށެވެ.
"މިއީ އެންމެ ބާރު ބިނެއްގައި ބޮޑުވަމުން އަންނަ އަދި އެންމެ ގޮތް ނޭނގޭ ސެކިއުރިޓީ ތުރެޓް މި ސަރަހައްދަށް ހުރި،" އެމްސީ ހަމީދު ވިދާޅުވި ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުގައިވެ އެވެ.
އަދި ރާއްޖެ އިން ހަގުރާމައަށްދާ މީހުން އިތުރުވާ ނަމަ އޭގެ ސަބަބުން އިންޑިޔާގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާ އޮތް ކަމަށް ގަބޫލުކުރާ ކަމަށް އިންޑިޔާގެ އިންޓެލިޖެންސް އޮފިޝަލަކު ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.
މީގެ އިތުރުން މިކަމުގެ ނުރައްކާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް ކަމަށް ެވެސް އެ ނޫހުން ބުނެފައިވެ އެވެ.
ރާއްޖޭގެ ޓެކްސްޓް ފޮތްތަކުގައި ޖިހާދަށް ހިތްވަރުދޭ ގޮތަށް ލިޔެފައިވާ ކަަމަށް ވެސް އެ ނޫހުގައިވެ އެވެ.
ދިވެހިން ހަނގުރާމައަށްދާ ވާހަކަ އާއި މީގެ ސަބަބުން އިންޑިއާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ދަނީ ތަކުރާރުކޮށް ލިޔަމުންނެވެ.