15 Apr 2015, 12:52
އެޕަލް ކުންފުނީގެ "ވޯލްޑްވައިޑް ޑެވެލޮޕާސް ކޮންފަރެންސް" (ޑަބްލިއުޑަބްލިއުސީޑީ) އަންނަ މަހުގެ އަށަކުން 12 އަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސެންފްރެންސިސްކޯގެ މޮސްކޯން ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސުން އެޕަލް ކުންފުނީގެ އާ އުފެއްދުންތައް ފެނިގެން ދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ދައުވަތު ލިބިގެން އެކަނި ވަދެވޭ އެ އިވެންޓުގެ ޓިކެޓުތައް ދޫކުރަން މިހާރު ވަނީ ފަށާފައެވެ.
އެޕަލް ކުންފުނިން، އެހެން ފަހަރު ބާއްވާ ޑަބްލިއުޑަބްލިއުސީޑީ ތަކުގައި އެ ކުންފުނީގެ އައު އޮޕަރޭޓިން ސިސްޓަމް (އޯއެސް) ތައް ވަނީ ދައްކާލާފައެވެ. އެހެން ކަމުން މިފަހަރު އެ ކޮންފަރެންސްގައި ކުންފުނީގެ އައު އޯއެސް "އައިއޯއެސް 9" ދައްކާލާނެ ކަމަށް ގިނަ ބަޔަކު ވަނީ ލަފާކޮށްފައެވެ.
މިއަހަރުގެ ޑަބްލިއުޑަބްލިއުސީޑީގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ބީޓްސް" މިއުޒިކް ސްޓްރީމިން ސާވިސް، އެޕަލް އިން ދައްކާނެ ކަމަށްވެސް ގިނަ ބަޔަކު ދަނީ އުއްމީދު ކުރަމުންނެވެ.
އެޕަލްގެ ވޯލްޑް މާކެޓިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ވިދާޅުވީ ޑަބްލިއުޑަބްލިއުސީޑީގައި މިއަހަރުވެސް އައިއޯއެސް އާއި އޯއެސްއެކްސް އަށް އައު ޓެކްނޮލޮޖީތަކެއް ހުރި ކަމަށެވެ.