ޔުއެފާ ޗެންޕިއަންސް ލީގުގެ ގަދަ 16ގައި ރޭ ރެއާލް މެޑަރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރިޔަނުދީ އެތުލެޓިކޯ މެޑްރިޑުން ހިފަހައްޓައިފިއެވެ.

މި ސީޒަންގެ މިހާތަނަށް އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު ހަ މެޗުންވެސް ރެއާލްއަށް މޮޅުވެވިފައި ނުވާއިރު، ޗެންޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުގައި ރޭ ރެއާލް ވަނީ އެތުލެޓިކޯ އަތުން 0-0 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ރެއާލް ވަނީ މޮޅު ކުޅުމެއް ދައްކައި، އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗު ފެށިގެން އުފެއްދި ފުރަތަމަ ހަމަލާގައި ރެއާލްގެ ގެރެތު ބޭލްއަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައިރު، އެތުލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ހުނަރުވެރިކަމާ އެކު އެ ހަމަލާ ދިފާއު ކޮށްފައެވެ. އޭގެ މިނިޓެއް ފަހުންވެސް ބޭލް ފޮނުވާލި ނުރައްކާތެރި ޝޮޓެއްގެ ހުރަހަކަށް ވީ ކީޕަރު އޮބްލަކް އެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ރެއާލްއަށް ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ކުރިއަށް ފޮނުވާލި ބޯޅަވެސް އޮބްލަކް ހުނަރުވެރިކަމާއެކު ދިފާއު ކޮށްފައި ވާއިރު، އޭގެ ވަގުތުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ބޭލް ފޮނުވާލި ބޯޅަވެސް ދިފާއު ކުރީ އޮބްލަކް އެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފަހުކޮޅު އެތިލެޓިކޯއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އެ ޓީމްގެ އެންޓޮއިން ގްރިޒްމަން ފޮނުވާލި ބޯޅަ ކަސިއަސް ދިފާއު ކުރިއިރު، ހާފް ނިމުމުގެ ކުރިން ރޮޑްރިގޭޒްވެސް ވަނީ އޮބްލަކްއަށް ހަމަލާއެއް ދިފާއުކުރަން މަޖުބޫރު ކުރުވާފައެވެ.

ރޭ ރެއާލް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފް ފެށިތާ 12 މިނެޓުތެރޭ ރެއާލްގެ ޓޯނީ ކްރޫސް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓު ކީޕަރު އޮބްލަކް ދިފާއުކުރިއިރު، އެ ހާފްގެ މެދުތެރޭގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެވަގުތުކޮޅު އެތުލެޓިކޯގެ ގޮޑިން އުފެއްދި ހަމަލާ، ގޯލާ އަމާޒުނުވެ ދިޔައިރު، އެތުލެޓިކޯގެ ޓޫރާން އާއި މަންޒުކިޗް ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ ކަސިއަސް އެވެ.

އެ ހަމަލާތަކާއެކު މެޗު ނިމިގެން ގޮސްފައި ވާއިރު، އެ ދެ ޓީމް ބައްދަލުކުރާ ގަދަ 16 ގެ ދެވަނަ ލެގުގެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 22 ގައެވެ.