23 Feb 2011, 09:15
ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ރައްޔިތުންނަކީ ޚާއިނުންކަމަށް ވިދާޅުވެ ލީބިޔާގެ ޓީވީ މެދުވެރިކޮށް ގައްޒާފީ ވާހަކަ ދައްކަވައިފއެވެ.
ގައްޒާފީ ވިދާޅުވީ އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ބާރުގެ ބޭނުން އަދި ނުކުރައްވާ ކަމަށާ ބާރުގެ ބޭނުންކުރަންޖެހިއްޖެ ނަމަ ވަރަށް ވަރުގަދައަށް އެކަން ކުރައްވާނެ ކަމުގަ އެވެ. އަދި ލީބިޔާގެ ވެރިކަމާ ދެކޮޅަށް ތެދުވި މީހުންއެކަންކުރީ ސުލްޙަވެރިގޮތުގައި ނޫންކަމަށާއި ހަތިޔާރު ހިފައިގެން ބޭރުޤައުމުތަކުގެ ރޭވުމެއްގެ ދަށުން ކަމަށާއި ސުލްޙަވެރި ގޮތުގައި މުޒާހަރާކުރުމުގެ ޙައްޤު ލީބިޔާ ރައްޔިތުންނަށް ލިބިގެން ވާކަމަށް ވިދާޅުވެ ގައްޒާފީ ވާހަކަދެއްކެވި އެވެ.
ގައްޒާފީގެ ވާހަކަފުޅުގައި އޭނާއަކީ ރައީސެއް އަދި ރަސްކަލެއް ނޫންކަމަށާއި އޭނާއަކީ ރިވޮލިއުޝަނަރީ ލީޑަރެއް ކަމަށާއި މިއީ ދާއިމީ މަސްއޫލިއްޔަތެއް ކަމަށާއި އިސްތިއުފާދެއްވާނެ މަޤާމެއް ނެތްކަމަށް ވިދާޅުވި އެވެ. އަދި ވެރިކަން ޙިމާޔަތްކުރުމަށްޓަކައި މަގުތަކަށް ނުކުމެ އެހީތެރިވެދިނުމަށް ރައްޔިތުންނަށް ގޮވާލެއްވި އެވެ.
އެހެން ޤައުމަކަށް ވަޑައިނުގަންނަވާނެ ކަމަށާއި އެންމެފަހުގެ ލޭތިއްކާޖެހެންދެން އަމިއްލަ ދިފާޢުގައި ލީބިޔާގެ ބިމުގައި ހަނގުރާމަކުރައްވާނެ ކަމުގެ އިންޒާރުވެސް ގައްޒާފީ ދެއްވި އެވެ. މީގެއިތުރުން ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާފަދަ އަނިޔާވެރި ޢަމަލުތަކެއް ލީބިޔާގައި ނުހިނގާ ކަމަށް ވިދާޅުވެ އޭނާގެ ވެރިކަމުގެ ނިޒާމުން ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ވޭތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި ހންގާފައިވާ އަނިޔާވެރި ޢަމަލުތައް ފޮރުވުމަށް މަސައްކަތް ކުރެއްވި އެވެ.
ގައްޒާފީގެ ޚިތާބު މައިގަނޑުގޮތެއްގައި ވަރަށް ހަރުކަށިވެފައި ރައްޔިތުންނަށް ބިރުދެއްކުމުގެ ބަސްތައް ބޭނުންކުރައްވާފައިވާ ކަމަށް މުޙައްލިލުން ވިދާޅުވެ އެވެ. ގައްޒާފީގެ ޚިތާބަށް ރައްދު ދެއްވަމުން އޭނާގެ ވެރިކަމާ ދެކޮޅަށް ޙަރަކާތްތެރިވާ އެކްޓިވިސްޓުން ބުނީ މިއީ އޭނާގެ އެންމެ ފަހުގެ ޚިތާބު ކަމަށާއި ވެރިކަންވެއްޓިދާނެކަމުގެ ބިރާއި ހާސްކަން މިޚިތާބުގައި ބޭނުންކޮށްފައިވާ ޢިބާރާތްތަކުންނާއި ގައްޒާފީގެ މޫނުމަތިން ހާމަވާކަމުގައެވެ. އަދި 42 އަހަރުވަންދެން ލީބިޔާގެ ރައްޔިތުންނަށް އޮޅުވާލައިގެން ގައްޒާފީ އުޅުއްވި އުޅުއްވުން ދެން ނިމުމަކަށް އައިސް ގައްޒާފީގެ ކިބައިން ލީބިޔާގެ ރައްޔިތުން މިހާރު ސަލާމަތްވަމުންދާ ކަމަށާއި ދެން ގައްޒާފީގެ ވެރިކަން ވެއްޓެން އޮތީ ވަރަށް މަދުދުވަސްތަކެއް ކަމަށްވެސް މިފަރާތްތަކުން ބުނެއެވެ.
މިހާރު ލީބިޔާގެ ބިމުގެ ހަތަރުބައިކުޅަ ތިންބައިވަނީ ގައްޒާފީގެ ކޮންޓްރޯލް ގެއްލި އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ރައްޔިތުންނާއި ރައްޔިތުންނަށް ތާއީދުކުރާ ސިފައިންގެ ޔުނިޓްތަކުގެ ބާރުގެ ދަށުގައި ކަމަށްވެސް މިފަރާތްތަކުން ބުނެއެވެ. އަދި ގައްޒާފީއަށް އޭނާގެ ފައިދަށުން ބިންގނަޑު ދެމިގެންދާކަން އިޙްސާސް ނުކުރެއްވޭ ކަމަށާއި އޭނާވަނީ ގޮތްހުސްވެފައި ކަމަށްވެސް ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. (އަލްޖަޒީރާ)