ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އިންޓަރ ސްކޫލް ކްރިކެޓް ލީގުގައި، ތާޖުއްދީން ސްކޫލް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް އެ ޓީމް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

އިއްޔެ އެ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ތާޖުއްދީނާ ދެކޮޅަށް ވާދަކުރީ ގިޔާސުއްދީނެވެ. އެ މެޗު ތާޖުއްދީން ކާމިޔާބު ކުރީ އަށް ލަނޑުންނެވެ. ދެ ކުޅުންތެރިން ނުބައިވެގެން 10 އޯވަރުގެ ތެރޭގައި 69 ލަނޑު ތާޖުއްދީން ހެދިއިރު، ގިޔާސުއްދީނަށް ހަ ކުޅުންތެރިން ނުބައިވެގެން 10 އޯވަރުގެ ތެރޭގައި ހެދުނީ 61 ލަނޑެވެ.

ތާޖުއްދީން ސްކޫލް ވަނީ 14 އަހަރުން ދަށުގެ އުމުރުފުރާގައި، މުބަރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖަމާލުއްދީނާ ވާދަކޮށް 34 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައެވެ. ތާޖުއްދީން މެޗުގެ އިތުރުން އިއްޔެވެސް އެ މުބާރާތުގައި ކުޅެފައި ވަނީ 12 އަހަރުން ދަށުގެ ދެ މެޗާއި 14 އަހަރުން ދަށުގެ ތިން މެޗެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ އަނެއް ދެ މެޗަށް ބަލާއިރު، ބިލަބޮންގް އާއި މުހިއްދީން ބައްދަލުކުރި މެޗު 57 ލަނޑުން މުހިއްދީން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އިމާދުއްދީނާއި ޖަމާލުއްދީން ބައްދަލުކުރި މެޗު 21 ލަނޑުން ކާމިޔާބު ކުރީ ޖަމާލުއްދީން އެވެ.

އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން އިމާދުއްދީނާއި ތަޖުއްދީން ބައްދަލުކުރި މެޗު ތާޖުއްދީން ވަނީ 10 ލަނޑުން ކާމިޔާބު ކޮށްފައެވެ. އަދި މަޖީދިއްޔާ އާއި ބިލަބޮންގް ބައްދަލުކުރި މެޗު ބިލަބޮންގް ކާމިޔާބު ކުރީ ނުވަ ލަނޑުންނެވެ.

އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައި ވަނީ 12 އަހަހަރުން ދަށުގެ އުމުރުފުރައިގެ ދެ މެޗާއި 14 އަހަރުން ދަށުގެ އުމުރުފުރައިގެ ދެ މެޗެވެ. އެ މުބާރަތުގައި 16 އަހަރުން ދަށުގެ އުމުރުފުރާވެސް ހިމެނާފައި ވާއިރު، އެ އުމުރުފުރައިގެ މެޗުތައް ފަށަން ތާވަލް ކޮށްފައި ވަނީ މި މަހުގެ 20 ގައެވެ.