ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގައި ހިމެނޭ ތ. ތިމަރަފުށި، ކަށިމާގެ، މުހައްމަދު ހައްސާން 22، މާރާމާރީގެ މައްސަލައަކާ ގުޅިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ، އޭނާ ހޯދަމުން ދަނީ ޗާނދަނީމަގު ރީފްސައިޑް ކައިރީގައި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:05 ހާއިރު ހިނގި މާރާމާރީގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ހައްސާން ހޯދަން އިއުލާން ކުރި މިއީ ދެވަނަ ފަހަރެވެ.

ސަން އަށް އެންގިފައިވާ ގޮތުގައި އޭނައަކީ ރާއްޖެޓީވީގައި ރޯކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހެކެވެ. އަދި އެމައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ވަނީ ދައުވާ ކުރުމަށް ޕީޖީއަށް ވެސް ފޮނުވާފައެވެ.

ހައްސާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.